ރައީސް ޒުވާނުންނަށް: ކުޅިވަރުން ގެންނަފަދަ ވަނަ، އެހެން ކަންކަމުންވެސް ހޯދާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އުންމީދަކީ، ޒުވާނުންނަކީ ކުޅިވަރުން ގެންނަފަދަ ރަން ވަނަތަކެއް، އެހެން ދާއިރާތަކުންވެސް ހޯދާ ބަޔަކަށް ވުންކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ޕަބްލިކް ސާވިސް މީޑިޔާ އިން ގެނެސްދިން، އެމަނިކުފާނުގެ ޚާއްޞަ ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކުޅިވަރު އެކަންޏެއްވެސް ނޫން. ޝައްކެއްވެސް ނެތް ކުޅިވަރުގައި ގިނަ ޒުވާނުން އުޅެފައި ދިވެހިރާއްޖެއަށް ހަމަ ޝަރަފްވެރި އިނާމްތަކާއި މެޑަލްތަކާ ވަނަތައް ހޯދުމަކީ އަޅުގަނޑު އެންމެ އެދޭކަމެއް ކުޅިވަރުގެ ދާއިރާއިން. އެކަމަކު އަޅުގަނޑު އެންމެ ބޭނުންވަނީ ޒުވާނުން ކުރާ ކޮންމެ ކަމެއްގައި ކުޅިވަރުން މި ގެންނަ ރަން ވަނަތައް ހޯދުން އިނގޭ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ، ރާއްޖެއަށް އަންނަމުންދާ ތަރައްޤީގައި އެމީހުންގެ ހިއްސާ އިތުރުކުރުންކަމުގައެވެ. އަދި، ތަރައްޤީ ބައްޓަންވެގެންދާ ގޮތުގައިވެސް، އެބޭފުޅުންގެ ހިއްސާ ބޮޑުވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ޒުވާނުންނަށް ބުނަން ބޭނުންވާ ވާހަކައަކީ، ޒުވާނުންނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން މި ގެންދަނީ ކޮށްދެމުންނޭ. އަޅުގަނޑު އެންމެ ބޮޑަށް ޒުވާނުން ލައްވާ ކުރުވަން ބޭނުންވާ ކަމަކީ ރާއްޖޭގެ ތަރައްޤީގައި އެމީހުންގެ ބޮޑު ހިއްސާ އޮތުން. ރާއްޖެ އަޅުގަނޑުމެން ބައްޓަން ކުރަން ބޭނުންވާ ގޮތުގެ އެމީހުންގެ ބޮޑު ހިއްސާ އޮތުން." ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.
ޒުވާނުންނާ ބެހޭ ގޮތުން، ޕްރެސެންޓަރު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކޮށް، އެތައް ބަޔަކަށް ވަޒީފާ ދިނުމަށް މަސައްކަތް ކުރަމުންދަނީ، ޒުވާނުންނަށް ވަޒީފާ ދިނުމަށްކަމަށެވެ. ހަމައެހެންމެ، ކުރީގެ ސަރުކާރުތަކުގެ ޒުވާނުންނަށް އަޅާ ނުލާކަމަށާއި އެހެންނަމަވެސް، ގަސްދުގައި އިހުމާލު ކޮށްލީކަމަށް ނުދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކީއްކުރަންތޯ މި ވަރުގެ އިގްތިސާދެއް ބިނާކޮށް މިހާ ވަރުގަދަ ތަނަކަށް ހަދަން މިއުޅެނީ. ކޮން ބަޔަކަށް ވަޒީފާ ދޭންތޯ. މީގެކުރިން ޒުވާނުންނަކީ އަޅާ ނުލެވި ތިބި ބައެއް. ދެން އަޅުގަނޑު ނުބުނަން ސަރުކާރުތަކުން ގަސްދުގައި އިހުމާލުކޮށްލާފައޭ ބުނާކަށް ނެތިން." ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލުކަމަށް ބުނެ އެތައް ފަރާތަކުން ވާހަކަ ދައްކާކަމަށާއި އެހެންނަމަވެސް، އެއީ މުސްތަގުބަލުކަމަށް ދެކި މަސައްކަތެއް ކުރެވިފައި ނުވާކަމުގައެވެ. ހަމައެހެންމެ، އެމަނިކުފާނު ބޭނުންވަނީ ޒުވާނުންނަކީ ޤައުމުގެ އުފެއްދުންތެރި ރޮނގުތައް އަދާކުރާ ބަޔަކަށް ވުމަށްކަމަށް، ރައީސް ވިދާޅުވިއެވެ. އަދި، އެއީ، ކޮންމެ ދާއިރާއެއްކަމުގައިވިޔަސް، ވަރިހަމަކަމަށް ރައީސް ވިދާޅުވިއެވެ.
މުސްތަގުބަލުކަން ދެނެގަނެގެން ކަންތައްތައް ކޮށްދޭކަށް މަސައްކަތް ކުރެވިފައެއް ނެތް. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ހުރިހާ ހަމަނުޖެހުމަކާއި ވިޔާނުދާ ކަންތައްތައް ކުރުވާކަށް ނޫން ޒުވާނުން ބޭނުން ކުރަން ވާނީ. ޒުވާނުން ބޭނުން ކުރަން ވާނީ ޕްރޮޑަކްޓިވް ކޮށް، އެމީހުންގެ ދައުރު ޤައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި. އެވަރިހަމަ އޭޓީސީގެ (އެއަރ ޓްރެފިކް ކޮންޓްރޯލް) ޓަވަރުގައި އިންނަންވިޔަސް، އެވަރިހަމަ ލޯންޗު ދުއްވިޔަސް، އެވަރިހަމަ ދަނޑުވެރިކަން ކުރަން ވިޔަސް. ވަރިހަމަ އެމްއެންޔޫގައި (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ) ކޯސް ހެދިޔަސް. އެކަމަކު މިއީ ޤައުމުގެ އިސްދައުރުގައި ދައުރެއް އަދާކުރެވޭނެ ބައެއްކަން ޅަފަތުގުގައި އުނގެނިފައިވާންވާނެ، އެކޮންވިކްޝަން އެމީހުންނަށް ލިބެން ވާނެ ދެއްތޯ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ، އެމަނިކުފާނާއެކު، ޒުވާނުން މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ