ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ނިންމީ އެކަމަކީ ގާނޫނީ ވާޖިބަކަށްވުމުން: އަރީފު
1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ނިންމީ އެކަމަކީ ގާނޫނީ ވާޖިބެއްކަމުގައި ވާތީކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވެއްޖެއެވެ.ރިޔާސީ އިންތިޚާބު ބޭއްވުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް، އަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް މިހާރު ރައްދުވާ ހިތްހަމަނުޖެހުންތަކެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ މިއަދުގެ ސަރުކާރު ކަމަށެވެ. ބަޔާނުގައި ވަނީ ޣައިރު ގާނޫނީ އަމުރުތަކާއި ބޭއިންސާފުގެ ދިގު ސިލްސިލާއަކަށްފަހު 1 ފެބުރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ނިންމީ އެކަމަކީ ގާނޫނީ ވާޖިބެއްކަމުގައި ވާތީ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާވެސް ވާހަކަ ދެއްކުމަށްފަހު އެފަރާތްތަކުގެ ރުހުމާ ފުރިހަމަ ތާއީދާއެކު ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި އެކަމަކީ އަރީފުކުރި ކުށެއްކަމަށް ބަލައި، މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި މިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއްނެތި ކަނޑައެޅިގެން ނުޙައްގުން ކަމަށް ބުނެފައިވެއެވެ. އަދި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި އެސްއޯ ފުލުހުންގެ މައްޗަށް އުފުލި ދައުވާއަކީވެސް އެއްވެސް އަސާސެއްނެތި އުފުލާފައިވާ ދަޢުވާއެއް ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސަލާމަތީ ބާރުތަކުގެ އެކި މަގާމުތަކުގައި ހޭދަކުރި މުއްދަތަށްވެސް ރިއާޔަތްކުރުމެއްނެތި އޭނާގެ މައްޗަށް ނުހައްގުން ދައުވާ އުފުލައި ޖަލަށްލާފައި ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒުކުރަން މަސައްކަތްކުރުމުގެ ސަބަބުންކަމަށް އަރީފް ނެރުއްވި ބަޔާނުގައިވެއެވެ. ސްޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުމަކީ ގާނޫނީ ވަޖީބު އަދާކުރުން ކަމަށް އަރީފު ދެކެވަޑައިގެންނެވި އިރު، ގާނޫނާއި ޚިލާފް އެއްވެސް އަމުރަކަށް ފުލުހުން ތަބާވާކަށް ނުޖެހޭނެއެވެ. އަދި ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު އެކޯޓުން 5 ފެބްރުއަރީގައި ވަނީ ބާތިލުކޮށްފައެވެ. ގާނޫނުތަކާއި ޚިލާފަށް އަމުރު ނެރުނު މައްސަލައިގައި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދާއި، އުއްތަމަފަނޑިޔާރު ކަމުގައި ހުންނެވި އަލްއުސްތާޛު އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުވެ އެބޭފުޅުން މިހާރު ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު، ސްޕްރީމް ކޯޓުން ގާނޫނާއި ޚިލާފަށް އަމުރު ނެރުނު ފަހުން، ގާސިމް އިބްރާހީމް ވަނީ އެއީ އެބޭފުޅުން ނެރުއްވި އަމުރެއް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ