ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާ އިން ރާއްޖެ ނަގާނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުވާ ނުކުރުމަށާއި ބަންދު ނުކުރުމަށް އަދި ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަނުކުރެވޭ ގޮތަށް ނެހެދުމަށް ޝަރުތު ކޮށްފައި ކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިރޭ ވިދާޅުވީ ރާއްޖޭގެ މައްސަލާގައި ގޮތެއް ނިންމަން އަންނަ ހުކުރާއި ހޮނިހިރު ދުވަހު ނިއު ޔޯކްގައި ސީމެގްގެ ބައްދަލުވުން ބާއްވާއިރު ނަޝީދާ މެދު ފިޔަވަޅު ނޭޅުމުގެ އިތުރުން އެހެން ޝަރުތުތަކެއް ވެސް ރާއްޖެ އަށް ކުރިމަތިކުރާނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމް ކުރުމާއި މަޖިލީހުގެ މެމްބަރުންގެ މައްޗަށް ދައުވާ ނުކުރުމެވެ.
"ސީމެގްގެ އެޖެންޑާގައި ގައުމެއް މި ހިމަނަނީ ވެރިކަން ބަދަލުވުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންނާއި ދުސްތޫރީ މައްސަލަތަކެއް ހުރުމުން. ކޯނީ ރިޕޯޓަށް ބަލާއިރު ބައެއްގެ މައްޗަށް ދައުވާ ކުރަންޖެހޭކަން އެބަ އިނގޭ. އެކަން ކުރާނެ ކަމުގެ ޔަގީންކަން ސީމެގަށް ބޭނުންވާނެ. އެ ޔަގީންކަން ނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އަލާމާތްތަކެއް ނުފެންނަހާ ހިނދަކު ސީމެގުން ނުނަގާނެ،" މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވި އެވެ.
ރާއްޖެއާ މެދު ގޮތެއް ނިންމުމަށް ސީމެގުން ބާއްވާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވަނީ މިއަދު ވިދާޅުވެފަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ފުރާވަޑައިގަންނަވަމުން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު މިއަދު ވިދާޅުވެފައި ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ސީމެގްގެ ބައްދަލުވުމުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަށާއި ސީމެގުން ޝަރުތުކުރާ ކަންތައްތަކަށް ސީދާ ރައީސްގެ ކިބައިން ގެރެންޓީއެއް ސީމެގަށް ވެސް ލިބޭނެ ކަމަށެވެ.
"އެ ބައްދަލުވުމަށް ވަހީދު ވަޑައިގަތުމަކީ ރަނގަޅު ކަމެއް. އޭރުން ސީދާ ވަހީދުގެ އަނގައިން ވާހަކަތައް ބުނާނެ ނޫންތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސީމެގުން ބުނާ ކަންކަން ކުރާނެ ކަމުގެ ގެރެންޓީ ވަހީދު ދެއްވައިފިއްޔާ ސީމެގުގެ އެޖެންޑާ އިން ރާއްޖެ ނަގާނެ. ނޫނީ އޭގެ އަލާމާތްތަކެއް ފެންނަން ޖެހޭނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ
ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމުގެ ވާހަކަތައް ހޫނުވެފައިވާއިރު ކުރީގެ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އެޖެންޑާ އިން ނެގުމާ ދެކޮޅަށެވެ. މިހާރު އިނގިރޭސިވިލާތަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ އަމިއްލަ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ރޯޔަލް ސޮސައިޓީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ސީމެގުގެ އެޖެންޑާ އިން ރާއްޖެ ނަގައިފިނަމަ ވާދަވެރި ސިޔާސީ ހިޔާލު ރާއްޖެ އިން ނެތިދާނެ ކަމަށެވެ.
ސީމެގުން ރާއްޖެ ނަގާނީ ޝަރުތުތަކާއެކު: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ