ދެ އިންޖީނު ހަލާކުވި ނަރުދޫއަށް ކަރަންޓު ދީފި

މިއަދު މެންދުރު ށ. ނަރުދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ޖަނަރޭޓަރު ހަލާކުވެ ރަށުން ކަރަންޓު ގޮސްފައި އޮތުމަށް ފަހު މިއަދު ހަވީރު އެރަށަށް އަލުން ކަރަންޓް ދީފި އެވެ.
ފެނަކައިން ބުނީ މިއަދު ހަވީރު 5:40 ގައި ނަރުދޫއަށް އަލުން ކަރަންޓް ދީފައިވާ ކަމަށެވެ. އަލުން އެ ރަށަށް ކަރަންޓް ދިނީ އެ އަތޮޅު ފޭދޫއިން 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންގޮސްގެނެވެ.
ނަރުދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށަށް ކަރަންޓު ދޭން ގެންގުޅޭ 80 ކިލޯވޯޓުގެ އިންޖީނުން ބާރުގަދަ އަޑެއް ގޮވައި ހުޅު ހިފައިގެނެވެ. އެ ހާދިސާގައި އިންޖިނުގޭގައި ހުރި 50 ކިލޯވޯޓްގެ ޖަނަރޭޓަރުގައި ވެސް އަލިފާން ރޯވެފައިވެ އެވެ. އެ ދެ ޖަނަރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ނަރުދޫއަށް އަލުން ކަރަންޓް ދިން އިރު ހާދިސާ ހިނގަން މެދުވެރި ސަބަބު ފުލުހުންނާއި ފެނަކައިން ދަނީ ތަހުގީގު ކުރުމުންނެވެ. ނަރޫދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ފެނަކައިގެ އިންޖީނުގޭގައި ރޯވެ އިމާރާތް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އިމާރާތް ކައިރީ ހުރި އެހެން ތަނަކަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެ އެވެ. އެ ރަށުގެ މިހާރުގެ އާބާދީއަކީ 504 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ