އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން އެއްވެސް ބަޔަކަށް ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި އެކަން ގޮތަށް ވާ ނަމަ އެންމެ ފުރުސަތު ބޮޑީ ޖުމްހޫރީ ޕާޓީ އަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތައް ނިންމަވާލައްވައި މާލެ ވަޑައިގެން އެއް ނަމްބަރު ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓާ އެކު އެއް ވަނަ ލިބޭނީ ޖުމްހޫރީ ޕާޓީ އަށް ކަމަށެވެ. އެ ޕާޓީގެ ކެމްޕޭން ދަތުރުތަކުން އެކަން ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއާ [އިންތިހާބާ] ދޭތެރޭ ރަނގަޅަށް ވިސްނާލާފައި އެއްޗެއް ދަންނަވާ ކަމަށް ވަންޏާ ހިއެއްނުވޭ އެއް ބުރުން އެއްވެސް ބަޔަކަށް ކާމިޔާބުކުރެވޭނެހެން،" ގާސިމް ވިދާޅުވި އެވެ.
އެގޮތަށް އެކަން ވެއްޖެ ނަމަ، ދެ ވަނަ ބުރުގައި ކުރިއަށް ދާން ވިސްނަވާފައި ވަނީ ކޮން ގޮތަކަށްތޯ ދެންނެވުމުން ވިދާޅުވީ "އެއީ ކޮން ގޮތެއްތޯ އެނގޭނީ އެ ހިސާބަށް ދިއުމުން" ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކަމެއް ނިންމާއިރު ޖުމްހޫރީ ކޯލިޝަނުގެ އެކި ފަރާތްތަކާ މަޝްވަރާކުރައްވާނެ އެވެ.
އޭނާ ވިދާޅުވީ ބޭރު ބައެއްގެ އަތްދަށަށް ރާއްޖެ ދިޔަ ނުދިނުމަށްޓަކައި މި އިންތިހާބުގައި އޭނާ އަށް ރައްޔިތުން ވޯޓުދޭން ޖެހޭ ކަމަށެވެ.
ކޯލިޝަންގެ ކެމްޕޭން ދަތުރުތައް ވަރަށް ކާމިޔާބު ކަމަށާއި އިންތިހާބުގައި ހުރިހާ ދިމާލަކުން ގިނަ ބަޔަކު ތިބީ އެ ޕާޓީއާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރަށްރަށަށް މިހާރު ބަލައިލުމުން އެންމެ ތާއީދު ބޮޑީ އެ ޕާޓީ އަށް ކަމަށާއި އޭގެ ބަދަލުގައި ޕީޕީއެމާއި އެމްޑީޕީގެ ތާއީދު ވެސް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރަށްރަށަށް އޭނާ ވަޑައިގަތުމުން ވާރެއާ ތެމިގެން ވެސް މަރުހަބާ ކިޔަން ރައްޔިތުން ނުކުމެފައިވާ ކަމަށެވެ.
އެއް ބުރުން އެއްވެސް ބަޔަކަށް ކާމިޔާބުވާނެހެން ހިއެއް ނުވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ