މެމްބަރު ނާޒިމްގެ އެއް މައްސަލައިގައި ތިން މީހަކު ހެކިބަސް ދީފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި، މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގެ ތެރެއިން އެއް މައްސަލައިގައި، ތިން މީހެއްގެ ހެކި ބަސް މިއަދު ސުޕްރީމް ކޯޓުން ނަގައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، އޭނާ ހިންގެވި ނަމީރާ ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންތަކެއް ބޭނުންކޮށް، އޮޅުވާލައިގެން ލިޔެކިޔުންތަކެއް ހުށަހަޅައި ސަރުކާރުގެ ހަތަރު މަޝްރޫއުއެއް ކާމިޔާބުކުރި ކަމަށް ބުނެ އެވެ.ކުރީގެ އެޓޯލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް ގަތުމަށާއި މިސްކިތްތަކަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން، އެ ޕްރޮޖެކްޓް ނާޒިމް ކާމިޔާބު ކުރެއްވި ކަމަށް ދައުލަތުން ގެންދަނީ ބުނަމުންނެވެ.ދައުލަތުން ސުޕްރީމް ކޯޓަށް އެ މައްސަލަތައް ހުށަހެޅީ، ނާޒިމްގެ މައްޗަށް އެކަނި އެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފައި ވާތީ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދެނީ، ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ނާޒިމްގެ މައްޗަށް އެ ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.ވަކި ވަކިން ކުރިއަށްދާ ހަތަރު މައްސަލައިގެ ތެރެއިން، 15،000 ދިދަ ގަތުމަށް ކުރި އިއުލާނާ ބެހޭ މައްސަލައިގައި، މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. ނަމީރާ ކުންފުނީގައި އޭރު މަސައްކަތްކުރި އެ ތިން މީހުން ވެސް ބުނެފައި ވަނީ، އެހެން ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ބީލަން ހުށަހަޅައިގެން އެ މަޝްރޫއު ކާމިޔާބުކުރަން ނާޒިމް މަސައްކަތްކުރެއްވިކަން ނޭނގޭ ކަމަށެވެ. އެކަމަކު، އެފަދަ ކަމެއް ނާޒިމް ނުކުރައްވާކަން ވެސް ހަނދާނުގައި ނެތް ކަމަށް އެ މީހުން ބުންޏެވެ.މި ހަތަރު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ނިންމާފަ އެވެ. އެހެންވެ، ބެލެވިފައި އޮތީ، މި މައްސަލަތަކުގައި މިއަދު ހުކުމް ކުރާނެ ކަމަށެވެ.އެހެން ނަމަވެސް، އަޑުއެހުންތައް ނިންމާފައި ވަނިކޮށް މިއަދު ހެކިބަސް ނަގާފައި މިވަނީ، ދައުލަތުން އެދިގެންނެވެ. ދައުލަތުން ބުނި ގޮތުގައި، މިއަދު ހެކިބަސް ދިން ތިން މީހުން، ކްރިމިނަލް ކޯޓަށް ހެކިންގެ ގޮތުގައި ހުށަހެޅުމުން، އެ ކޯޓުން ވަނީ ބަލައިނުގަންނަން ނިންމާފަ އެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، އެ ތިން މީހުންގެ ހެކިބަސް ނެގުމަށެވެ.ނާޒިމްގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެދުމުގެ އަނެއް ތިން ދައުވާގެ ޝަރީއަތް ވެސް ސުޕްރީމް ކޯޓުގައި މިއަދު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ