މައުމޫން އަލުން ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ގަބޫލެއް ނުކުރަން: ޑރ. ޖަމީލް

ކުރީގެ ރައީސް މައުމޫން އަލުން ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ޖަމީލް ވިދާޅުވީ މައުމޫނަކީ ވަރަށް ހިކުމަތްތެރި އަދި ރާއްޖޭގައި ފެނުނު ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި އެހެން ސިޔާސީ ބޭފުޅުންނަށް ވިސްނިވަޑައިނުގަންނަވާ އެތައް ކަމެއް އެ މަނިކުފާނަށް ވިސްނިވަޑައިގަންނަވާނެ ކަމަށެވެ. އެ ގޮތަށް ބަލާއިރު ޒުވާނުން ބޭނުންވާ ގޮތާއި ރާއްޖެ ގެންދަން ޖެހޭ މިސްރާބަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވާނެ ބޭފުޅަކު މައުމޫނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
"އަދި ހަމައެއާއެކު އަލުން އެ ބޭފުޅާ އެ ދައުރު އަދާކުރުމަށް ވުރެން މަސްލަހަތު ބޮޑީ އެހެން ބޭފުޅަކު ގެނައުން ކަން އަޅުގަނޑަށް ޔަގީން އެ ބޭފުޅާ އަށް ވިސްނިވަޑައިގަންނަވާނެ ކަން. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ހާލެއްގައި ތި ވިދާޅުވި ގޮތަށް ރައީސް މައުމޫން އަލުން ވެރިކަމަށް ކުރިމަތިލައްވަފާނެ ކަމަކަށް. އެކަން ވުމުގެ ކުރިން އަޅުގަނޑު ގަބޫލެއް ނުކުރާނަން. އެއީ އެ ބޭފުޅާގެ ދުރު ވިސްނޭ މިންވަރާއި ކުރައްވާފައި ހުރި މަސައްކަތްތަކާއި އަދި ރާއްޖެ މިހާރު ބަދަލުވެފައި އޮތް ގޮތާއި ރާއްޖޭގެ ޒުވާނުންގެ އާބާދީ އާއި ވިންދު އެ ބޭފުޅާ އަށް ވެސް އެނގިވަޑައިގަންނަވާނެ،" މައުމޫން ސަރުކާރުގައި ވަޒީރުކަން ވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލަ އަކީ " 30 އަހަރު" ކަމަށް މައުމޫން އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވާ ކަމަށެވެ.
"ވެދާނެ މިހާރު މި އޮތް ހާލަތުގައި ކޮންމެވެސް ވަރަކަށް ސިޔާސީ މާހައުލުގައި ބަހުސަކަށް ޖާގަ ހުޅުވާލުމަށްޓަކައި ވާހަކަފުޅެއް ވިދާޅުވަނީ ކަމަށް. އެކަމަކު އެކަން ވުމުގެ ކުރިން އަޅުގަނޑު ގަބޫލެއް ނުކުރާނަން ރައީސް މައުމޫން ދެނެއް ވެރިކަމަށް ކުރިމަތިލައްވާނެ ކަމަކަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި އިރު، ޓީވީއެމް އިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ވެސް ވަރަށް ރަނގަޅު ކަމަށާއި ސިޔާސީ ހުރިހާ ހަރަކާތެއްގައި ވެސް އުޅުއްވާ ކަމަށެވެ. އަދި މައުމޫން އަލުން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ވެސް އަދި ނޫން ކަމަށް ވެސް މިހާތަނަށް މައުމޫން ވިދާޅުވެފައި ނެތް ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މާހައުލު ނިއުޅެމުންދާ ގޮތުން ރައީސް މައުމޫން ޕީޕީއެމްގެ ފަރާތުން ]ރައީސް ކަމަށް[ ވާދަކުރުން އެއީ އެންމެ މުހިންމު ގޮތް ކަމަށް ވެސް ވެދާނެ. އަދި ނިއުޅެމުން އަންނަ ގޮތުން ރައީސް މައުމޫން ވާދަނުކުރެއްވުން އެއީ އެންމެ މޮޅު ގޮތް ކަމަށް ވެސް ވެދާނެ. އެހެންވީމާ ޕީޕީއެމުން އަޅުގަނޑުމެން ހުރިހާ ކަލްކިއުލޭޝަން ހަދަމުން ގެންދާނީ. އަދި އަޅުގަނޑުމެންނަށް މި ފީލްޑްގައި ތިބީ ކޮންކޮން ކުޅުންތެރިންނެއް ކަމެއް ނޭނގޭ. އަޅުގަނޑުމެން ހަވީރު ހަތަރެއް ޖަހާއިރު ކުޅެން ދަނޑަށް ޔުނިފޯމް ލައިގެން އެރީމާ އަޅުގަނޑުމެންނަށް ތިބި ކުޅުންތެރިން އެނގޭނީ. އަދި އަޅުގަނޑުމެންގެ ޓީމު ލިސްޓެއް ފުރިހަމައެއް ނުވޭ. އެހެން ޓީމުތަކުގެ ޓީމު ލިސްޓުތައް އަޅުގަނޑުމެން ބަލާފައި އަޅުގަނޑުމެންގެ ޓީމު ލިސްޓު އަޅުގަނޑުމެން އެކުލަވާލާނީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އޭނާއަށް ކާމިޔާބުވެ، އޭގެ ފަހުން މައުމޫނަށް "ކެޕްޓަންކަން" ދޭން ޖެހިއްޖެ ނަމަ އެކަމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަން އެފަދަ ގޮތަކަށް ކުރުމުގެ ވާހަކަ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނެތަސް އާންމު މެމްބަރުން ކައިރިން އަހައިގެން ގޮތެއް ނިންމިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މައުމޫން ވެރިކަމަށް ކުރިމަތިލެއްވުމާ މެދު ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮތް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ޕާޓީގެ "ޕޮލިޓިކަލް އެސެޓަކީ" މައުމޫން ކަމަށެވެ.
"އެ މަނިކުފާނުގެ ފަހަތުގައި ހަދާފައި އޮތް ސަފެއް ޕީޕީއެމްގެ ސަފަކީ. އަޅުގަނޑަކަށް ހީއެއް ނުވޭ ރައީސް މައުމޫން ކޮންމެ ޑިސިޝަނެއް ނެންގެވި ކަމުގައި ވިޔަސް އެއްވެސް ހިޔާލު ތަފާތުވުމެއް އުޅޭނެހެން،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ފެބްރުއަރީ 2013 ގައި ބާއްވާއިރު އުމަރު ވިދާޅުވަމުން ގެންދަވަނީ މިހާތަނަށް ކެމްޕޭން ކުރައްވަނީ އޭނާގެ އިތުރުން މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ކަމަށެވެ. މައުމޫން ވިދާޅުވެފައި ވަނީ ކަންތައް ބަދަލުވަމުން އަންނަ ގޮތުން އަދިވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށާއި އެކަމަކު ގޮތެއް ކަނޑައެޅުމުގެ ވަގުތު އަދި ނުޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ