ރައްޔިތުންގެ މަޖިލީހުގައި މިއަދަކީ ވެސް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނު ދުވަހެއް ކަމަށް ރާއްްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ މަޖިލީހުގެ ގަވައިދުގެ މާއްދާއަށް މިއަދު ގެނައި އިސްލާހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއް ގައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ފިއްތުންތަކާއި ދެކޮޅަށް އިސްލާހީ މަސައްކަތުގައި މެންބަރުން ދައްކަވަމުން ގެންދަވާ ހިތްވަރަށް ސެލިއުޓު ނަންގަވާ ކަމަށެވެ. އަދި މިއަދު ވެސް އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވި ކަމަށާއި ސަރުކާރު ބަލިވަމުންދާ ކަމަށާއި ސަރުކާރު ގޮތް ހުސްވަމުންދާ މިންވަރު ސާބިތުކޮށްދެވިއްޖެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް މާތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް މިއަދު ގެނައީ ގާނޫނު އަސާސީއާއި ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ އިސްލާހު ގެނައީ މަޖިލީހުގެ ގަވައިދުގެ 175 މާއްދާ އަށެވެ. އެގޮތުން މިމާއްދާގެ (ހ)އާއި (ށ) އިސްލާހު ކުރުމަށާއި މިމާއްދާ (އ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިއިސްލާހުތައް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން މިއިސްލާހުތައް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ. މިވޯޓުގައި ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ބައިވެރިވެފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ވާހަކަތައް ހިމެނޭ މިމާއްދާއަށް މަޖިލީހުން ގެނައި އެންމެ ބޮޑު އިސްލާހަކީ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ހުށަހަޅާނަމަ 42 މެންބަރުންގެ ސޮއި ހިމަނައިގެން މައްސަލަ ހުށަހެޅޭ ގޮތަށް ގަވައިދު އިސްލާހުކުރުމެވެ. މިމާއްދާ ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭނެ އެވެ.
މަޖިލީހުގެ ގަވައިދަށް މިއިސްލާހު ގެނެސްފައި މިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހަޅާ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މާދަމާ ބާއްވާ ޖަލްސާގައި ވޯޓަށް އެހުމަށް ނިންމާފައިވަނިކޮށެވެ.
މަޖިލީހުގެ ގަވައިދަށް މިގެނެވުނު އިސްލާހު މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން މިއަދުން ފެށިގެން މިއިސްލާހަށް އަމަލުކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްއާ ދެކޮޅަށް ހުށަހެޅިފައިވާ ސައްހަ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިހާރު މަޖިލީހުގައި ނޯންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގައި މިއަދަކީވެސް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނު ދުވަހެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ