އަސޭލާ، އަޅުގަނޑާ ބައްދަލުކުރި ކަމެއް ނުދެނެހުރިން: ގާސިމް
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެހީތެރިކަން ހޯއްދެވި ކަމަށް ބުނާ، ސްރީ ލަންކާގެ ސިހުރުވެރިއެއް ކަމަށްވާ އަސޭލާ ވިކްރަމްސިންހާއާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލުކުރި ކަމަށް ދައްކާ ވާހަކަތައް ގާސިމް މިއަދު ދޮގުކުރައްވައިފި އެވެ. އަސޭލާއާ ބައްދަލުކުރި ވާހަކަ ގާސިމް ދޮގުކުރެއްވުމާ އެކު އަސޭލާއާ އެކު އޭނާ ނަންގަވާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. ގާސިމް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭގޮތުން ވިލާ ކުންފުންޏަށް ނިސްބަތްކޮށް އަދި ލަންކާގެ ފަންޑިތަ ހަދާ މީހަކާ އޭނާ ބައްދަލުކުރި ކަމަށް ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެއީ ބަޔަކު ފިތުނަފަސާދަ އުފައްދަން ފަތުރާ ވާހަކަތަކެއް ކަމަށާއި އެފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ދީނުގައި މަނާ ކަމަކަށްވާތީ، އެކަމަށް ބިރުވެތިވާން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެނެހުރިން އަޅުގަނޑާ މީހަކު [އަސޭލާ] ބައްދަލުކުރި ކަމެއް ވެސް، އަދި ޕެރެޑައިސް އައިލެންޑުގައި މީހަކު ހުރެގެން ފަންޑިތަ ހަދައިދިން ކަމެއް ވެސް. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ. އިންތިހާބުގައި ރައީސް ޔާމީން އަސޭލާއާގެ އެހީ ހޯދުމާ ގުޅޭގޮތުން ރާއްޖެ ޓީވީން ގެނެސްދިން ޑޮކިއުމެންޓަރީއެއްގައި ވާހަކަ ދައްކަމުން އަސޭލާ ބުނެފައި ވަނީ ގާސިމްއާ އޭނާ ބައްދަލުކުރި ކަަމަށެވެ. އަދި ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރާނެ ކަން ޔަގީންވާތީ، އެމަނިކުފާނަށް ތާއީދުކުރައްވަން ގާސިމް ގާތު އެދުނު ކަމަށް އަަސޭލާ ބުންޏެވެ.ޑޮކިއުމެންޓަރީގައި ބުނެފައިވާ ގޮތުގައި އިންތިހާބުގެ ދުވަސްވަރު އަސޭލާ ހުރީ، ޕީޕީއެމް ކެމްޕޭންގެ މައި ޖަގަހަ ކަމަށްވާ ނަސަންދުރަ ޕެލަސް ހޮޓަލުގަ އެވެ. ސިހުރު ހަދައިގެން ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމުން، އޭނާ އަށް ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ވަޒީފާ ހަމަޖެއްސި ކަމަށް ވެސް އަސޭލާ ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ