ލިސްޓްތަކުގައި ޔާމީނާއި ގާސިމް ސޮއިކޮށްދެއްވުމަށް ފުއާދު އެދިވަޑައިގެންފި

10:12 މާދަމާ ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓްތަކުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސޮއިކުރައްވަމުން ގެންދަވާ އިރު އަނެއް ދެ ކެންޑިޑޭޓުންގެ ފަރާތްޕުޅުން އެއްވެސް ބޭފުޅަކު ސޮއިކުރައްވާކަށް އަދި ވަޑައެއް ނުގަންނަވަ އެވެ. ބައެއް ލިސްޓްތަކުގައި ނަޝީދު އަމިއްލަފުޅަށް ވެސް މިއަދު ހެނދުނު ސޮއިކުރެއްވި އެވެ. ދެން މިހާރު ސޮއިކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓް ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފެވެ. އެކަމަކު ލިސްޓްތަކުގައި ސޮއިކުރައްވަމުން ހަސަން ގެންދަވަނީ، އިލެކްޝަންސް ކޮމިޝަނަށް ޕްރިންޓްކުރެވޭ ވަރުންނެވެ. އެހެންކަމުން ޕްރިންޓްކޮށް އެވާހަކަ އެންގުމުން ހަސަން ކޮމިޝަނަށް ވަޑައިގެން ސޮއިކުރައްވަނީ އެވެ.ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ވެސް ރޭ ކޮމިޝަނަށް ބައެއް ބޭފުޅުން ވަޑައިގަތެވެ. އޭރު ލިސްޓްތައް ޕްރިންޓްކޮށް ނުނިމޭތީ ގާސިމްގެ އޮފިޝަލް އުމަރު ނަސީރު އެނބުރި ވަޑައިގެންނެވި ގޮތަށް އަދި ޚަބަރެއް ނުވެ އެވެ. ޔާމީންގެ އިންތިޚާބީ އެޖެންޑް އަބްދުﷲ އަމީން ރޭ ދަންވަރު ކޮމިޝަންގެ ބޭރުގައި އިންޓަވިއު ދެއްވުމަށް ފަހު ވަޑައިގެންނެވި ގޮތަށް ޚަބަރެއް ނުވާ ކަމަށް ވެސް އެނގިފައިވެ އެވެ.ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ގޮތުން ވޯޓާސް ލިސްޓްގައި ހުރިހާ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ސޮއިކުރަން ޖެހެ އެވެ. އެހެންކަމުން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ހަމައެކަނި ނަޝީދުގެ ފަރާތްޕުޅުން ސޮއި ލިބިގެން މާދަމާ އިންތިޚާބު ބޭއްވިދާނެތޯ އެވެ.އިލެކްޝަންސުން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެހެންކަމުން ކޮމިޝަނުން ނިންމާ ގޮތެއް އެނގޭނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ