ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖްރާއަތާ ޚިލާފަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރާ ގުޅޭގޮތުން ދިޓީވީގައި ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތަށް ޖޭއެސްސީން ނިންމުމުން އެ މައްސަލަ އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ހުކުމްކުރީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެހެންވުމުން އެ މައްސަލަ ޖޭއެސްސީން އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުގައި މިއަދު ހުކުމް އިއްވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ވަކި އިޖްރާއަތުތަކެއް ޖޭއެސްސީގެ ގާނޫނުގައި އޮންނަ އިރު އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމީ އޭނާއަށް ލިބެންޖެހޭ ހައްގުތަކާއި ފުރުސަތުތައް ނުދީ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރާ ކޮމެޓީގެ ރިޕޯޓާ މެދު ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނީ އެ މައްސަލަ ރައްދުވާ ފަނޑިޔާރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު، ހުށަހެޅޭ ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށް ވާއިރު އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ ގާނޫނުގައި އޮންނަ އިޖްރާއަތާ އެއްގޮތަށް ނޫން ކަމަށް ވެސް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.
މީގެ އިތުރަށް ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ކޯޓަކީ ސިވިލް ކޯޓު ކަމަށް ވެފައި، އެ ކޯޓަކީ އަބްދުﷲ ގާޒީ މަސައްކަތްކުރައްވާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށްވި ނަމަވެސް އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށް އެ ބާވަތުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނާ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އެހެންކަމުން ޖޭއެސްސީގެ އެ ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ކުރި ހުކުމަކީ ގާނޫނާ އެއްގޮތަށް ކުރި ހުކުމެއް ކަމަށް އެ މައްސަލަ ހައި ކޯޓު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް ފަނޑިޔާރު އަބްދުއްރައޫފް ވިދާޅުވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ރައޫފްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
ޖޭއެސްސީން އޭރު އެކުލަވާލި ކޮމެޓީން ނިންމީ އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށާއި އެއީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފް އަމަލެއް ކަމަށްވާތީ އޭނާ ފެމިލީ ކޯޓަށް ބަދަލުކުރުމަށް ފެންނަ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ވެސް އަބްދުﷲ ގާޒީގެ އިތުރު މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާ ކަމަށް އެނގިފައިވެ އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމީ ގާނޫނާ ޚިލާފަށް: ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ