ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އެންމެ ފަނޑިޔާރަކު ބެއްލެވި ނަމަވެސް، އާދިއްތަ ދުވަހުގެ އަޑުއެހުމާ ހަމައިން ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަން ފަށައިފި އެވެ.
ގާސިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބެއްލެވީ ގާޒީ އާދަމް އާރިފް އެވެ. އެހެން ނަމަވެސް، އާދިއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމާ ހަމައިން ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ މައްސަލައާ ހަވާލުވެފަ އެވެ.
ފަނޑިޔާރުންގެ ބެންޗުގައި ގާޒީ އާދާމް އާރިފްއާއެކު ހިމެނިވަޑައިގަންނަވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފްއާއި ގާޒީ އަހުމަދު ޝަކީލް އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ ބާރީ އެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ މައްސަލަ ދެން ބައްލަވާނީ ތިން ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ.
ގާޒީ ބާރީ އެހެން ވިދާޅުވުމާއެކު ގާސިމް ތެދުވެވަޑައިގެން ވިދާޅުވީ ގާޒީ ބާރީ އިންނަވައިގެން އަދުލުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު ކުރެވޭ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހި މަޖިލީހަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް ހުއްޓުވައި، ހުކުމް ކޮށްފައިވާ ކަމަށެވެ.
ގާސިމްގެ އެ ވާހަކަފުޅާ ގުޅިގެން ގާޒީ ބާރީ ވިދާޅުވީ އަޑުއެހުންތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެނީ ފަނޑިޔާރަށް ފެނިވަޑައިގަންނަވާ ގޮތަށް ވަކި މިންވަރަކަށް ކަމަށެވެ. އަދި ދެ މީހަކު އިށީންދެ އިނދެ ވާހަކަ ދައްކާ ގޮތަށް "ތިން ހަތަރު ގަޑިއިރު" ވަންދެން ކުރިއަށް ގެންދާ ގޮތަށް ނޯންނަ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
ބާރީ ވިދާޅުވީ، ގާސިމް ވިދާޅުވެފައިވާ ގޮތަށް ގާސިމްގެ މައްސަލައެއް ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށާއި، ޝަރީއަތްތަކުގައި ހުކުމް ކުރައްވަނީ ގާނޫނާއި ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ގާޒީ ބާރީ ވަނީ ދެ ވަނަ ފަހަރަކަށް އެފަދަ ވާހަކަފުޅެއް ނުދެއްކެވުމަށް ގާސިމްއަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ތަފްސީލު އަންނަނީ
ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ