ދިވެހި ގައުމާއި ރައްޔިތުންނަށް އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްގީ ލިބޭނީ ސަރުކާރު ހިންގާ ޕާޓީއަކީ ޕީޕީއެމަށް ވެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ އިންތިހާބު ކާމިޔާބުކުރުމަކީ ޕީޕީއެމްގެ ހުރިހާ އުއްމީދުތަކެއް ހާސިލްވުން ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގެ ފެށުން ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތައުލީމާއި ސިއްހަތާއި ތަރައްގީ އަދި ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ ކުށްކުރުން މަދު އަމާން ގައުމަކަށް ހެދޭނީ ޕީޕީއެމް ވެރިކަމާ ހަވާލުވެގެން ކަމަށެވެ.
"އެހެންވީމާ އޭގެ ތެރެއިން [އިންހާބުގެ ތެރެއިން] ލާފައި ގައުމަށް ބޭނުންވާ ތަރައްގީ އާއި އަމަންއަމާންކަމާއި ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނީ،" ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޕީޕީއެމް ސަރުކާރުގައި އޮތަސް ސަރުކާރުން ބޭރުގައި އޮތަސް ރައްޔިތުންނަށް ހިދުމަތް ކުރުން ހުއްޓާނުލާނެ ކަމަށެވެ.
ޕީޕީއެމްގެ މައްޗަށް އަލިއަޅުއްވާލައްވައި މައުމޫން ވިދާޅުވީ ޕީޕީއެމް އަބަދުވެސް ހިންގާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އޭގެ އެއް ހެއްކަކީ ޕާޓީ އުފެދުނު ފަހުން މިހާތަނަށް ކައުންސިލްގެ 40 ބައްދަލުވުން ބާއްވާފައިވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ ވަކި ބަޔަކު ނުވަތަ ވަކި މީހަކު ބޭނުންވާ ގޮތަށް ހިންގާ ޕާޓީއެއް ނޫން ކަމަށާއި އެންމެންގެ ބައިވެރިވުމާ އެކު ހިންގަމުންދާ ޕާޓީއެއް ކަމަށެވެ.
ކޮންގްރެސްގެ އިންތިހާބުތަކާ ގުޅޭގޮތުން މައުމޫން ވިދާޅުވީ އެއީ ޑިމޮކްރަސީގެ ރޫހު ކަމަށެވެ. ޑިމޮކްރަސީ އޮތް ތަނެއްގައި ގިނަ އިންތިހާބުތައް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ފުރުސަތުގައި ފާހަގަކޮށްލަން އަޅުގަނޑުމެން އިންތިހާބުކުރާ މަގާމްތަކަށް ވުރެ ކުރިމަތިލައްވާފައިވާ ބޭފުޅުންގެ އަދަދު ގިނަަކަން. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ދެ ބަޔަކަށް ކެމްޕޭންކޮށްފައިވާ ކެންޑިޑޭޓުންނަށް މައުމޫން ވަނީ ކޮންގްރެސް ފެށުމުގެ ކުރިން ނަސޭހަތް ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއް ބަޔަކަށް ކާމިޔާބު ވާނެ ކަމަށާއި އަނެއް ބަޔަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަން ބަލައިގަންނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ޕާޓީގެ ވަހުދަތަށް ބުރުލެއް ނާރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގައުމީ ޖަލްސާއަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ކޮންމެ ދެ އަހަރަކުން ބާއްވާ ޖަލްސާއެއް ކަމަށެވެ. މި ފަހަރުގެ ޖަލްސާގައި އަސާސީ ގަވާއިދަށް ވެސް އިސްލާހު ގެނެސް ހިންގާ ގަވާއިދު ފާސްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަސާސީ ގަވާއިދަށް ގެންނަންޖެހޭ ގިނަ އަދަދެއްގެ އިސްލާހު ހުށަހަޅާފައި ވަނީ ޕާޓީގެ އާއްމު މެމްބަރުން ކަން މައުމޫން ފާހަގަކުރެއްވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް އުފައްދަން ޖެހުނީ، ރައީސް މުހައްމަދު ނަޝީދު ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށް، ދީނާއި ގައުމަށް އުނިކަން އަންނަ ގޮތަށް ކަންކަން ކުރުމުން ކަމަށެވެ. އަދި ކުރީގެ ވެރިކަމުގައި ގައުމުގެ އިގްތިސާދު ވަޅު ޖެހުމާއި ކުށްކުރުން ފަދަ ކަންކަމުގައި ސަރުކާރު ޒިންމާދާރުކުރުވާނެ ޕާޓީއެއް މުހިއްމުވެގެން ދިއުމަކީ ވެސް ޕީޕީއެމް އުފައްދަން ޖެހުނު ސަބަބެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމް އުފައްދައި ވޭތުވެގެން ދިޔަ އަހަރަކަށް ވުރެ ގިނަ ދުވަސްތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އެ ކާމިޔާބީތަކުގެ ސިއްރަކީ ރައްޔިތުން އެ ޕާޓީ އަށް ކުރާ އިތުބާރު ކަމަށާއި މިހާތަނަށް ބޭއްވި ބައި އިލެކްޝަންތައް ކާމިޔާބުވުމުގެ ސިއްރަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަށާރަ ބައި އިލެކްޝަންގެ ތެރެއިން ފަނަރަ ބައި އިލެކްޝަން ކާމިޔާބު ވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް، ވަރަށް ބޮޑު ކުރިއެރުމެއް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ ކުރު މުއްދަތުގައި، މިހާތަނަށް ގައުމަށްޓަކައި ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކުގައި ވެސް ޕީޕީއެމްގެ ބައިވެރިވުން ބޮޑު ކަމަށެވެ. ފެބުރުއަރީ ހަތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދިގެން ދިޔަ ރައީސް މުހައްމަދު ވަހީދުގެ ގައުމީ އެއްބައިވަންތަ ސަރުކާރުގައި ވެސް އެ ޕާޓީގެ ހިއްސާބޮޑު ކަމަށް ވިދާޅުވި އެވެ.
"އޭރު އަޅުގަނޑުމެން ތަހައްމަލްކުރަމުން ދިޔަ ދަތިތަކާއި ވޭންތަކުން މިއަދު ހިންދެމިލާނެ ފުރުސަތެއް މި ލިބުނީ އަޅުގަނޑުމެން އޭރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން ކުރަމުން ދިޔަ ބުރަ މަސައްކަތުގެ ތެރެއިން. އެހެންވީމަ އެއީ ވެސް އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ހަމައެކަނި މަގްސަދަކީ ގައުމަށް ހިދުމަތް ކުރުމެވެ. "އެންމެ ފުރަތަމަ ގައުމު" އެ ޝިއާރު ޕީޕީއެމުން ބޭނުންކުރަނީ ވެސް ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް، ކުރިއަރުވައި ރައްޔިތުންގެ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ކުރިއަރުވަން ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަމާންކަން ގެއްލި ކުށްކުރުން އިތުރުވެފައިވާ ކަމަށެވެ. އެކަންކަމަކީ ހުއްޓުވަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިޔާސީ މާހައުލުގައި އެއްވެސް ހާލެއްގައި މާރާމަރީ ހިންގުމަކަށް މީހުން މެރުމަކަށް އެކި ގޮތްގޮތުން ގެއްލުން ދިނުމަކަށް އަޅުގަނޑުމެން ޕާޓީ ތަނެއް ނުދޭނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މުސްތަގުބަލުގައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ ބައްޓަންވެގެންދާނެ ގޮތް ޕީޕީއެމުން ކަނޑައަޅާނެ ކަމަށެވެ. ރާއްޖެ އަކީ އުފާވެރި މާހަލަކަށް ޕީޕީއެމުން ހަދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޒުވާނުންނާއި އަންހެނުންނަށް އެކި ކަންކަމުގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދެއްވާން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގައުުމަށް ތަރައްގީ އާއި ކުރިއެރުން ލިބޭނީ ޕީޕީއެމް ސަރުކާރު ހިންގާ ބަޔަކަށް ވެގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ