މައުމޫން ރައީސްކަމަށް ކުރިމަތިލައްވައިފި ނަމަ އަޅުގަނޑު ތާއީދުކުރާނަން: އިލްހާމް

މި އަަހަރު ސެޕްޓެމްބަރު އޮންނަ ރިޔާސީ އިންތިހާބުގައި، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވާދަކުރައްވަން ނިންމަވައިފި ނަމަ، އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 30 ގައި އޮންނަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން އަންނަ އުމަރު ނަސީރުގެ ޓީމުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ މައުމޫނު ނުކުންނަވައިފި ނަމަ، އެމަނިކުފާނަށް ތާއީދުކުރައްވާނެ ކަމަށެވެ. އަދި މައުމޫން ނުނިކުންނަވާ ނަމަ، ރިޔާސީ ޕްރައިމަރީގައި ހޮވޭ ކެންޑިޑޭޓަކާ އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެމްބަރުން އެބަ ޖެހޭ އެކަކު އަނެކަކަށް ހަމަލާދިނުން ހުއްޓާލަން. އަޅުގަނޑުމެން އެބަ ޖެހޭ އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރަން،" ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދެ ބަޔަކަށް ބެހިފައިވާ ޕީޕީއެމަށް އިޝާރާތްކުރައްވައި އިލްހާމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް މައުމޫން އަދި ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު އެންމެ ފަހުން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރެއްވުމުން އެކަން އެނގޭނެ ކަމަށެވެ.
ޕީޕީއެމަށް ވެސް އިންތިހާބު ކާމިޔާބުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ދޭހަވާ ގޮތަށް ރޭގެ ޖަލްސާގައި އިލްހާމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބޭނެ އެއްވެސް ފޯމިއުލާއެއް އޭނާ ގަބޫލުނުކުރައްވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ހުރިހާ ޕާޓީތަކުގެ ގުޅުން ވަރުގަދަކުރަން ޖެހޭ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ މިޒަމާނުގައި ވޯޓު ލާން ޖެހެނީ ވަކި ބަޔަކު ބުނާ ގޮތަށް ނޫން ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަން ޖެހޭނީ މީހުން ގޮވައިގެން އުޅެން ދަންނަ ވަރުގަދަ މީހެއް ކަމަށެވެ. އަދި އެ މީހަކީ ހުރިހާ ޕާޓީތަކާ ވާހަކަދައްކައި ހުރިހާ ޕާޓީތަކާ ގުޅުން ބޭއްވޭވަރުގެ މީހަކަށް ވެސް ވާނ ްޖެހޭ ކަމަށ ްއިލްހާމް ވިދާޅުވި އެވެ.
"މާނައަކީ ]ކުރީގެ ރައީސް[ ކެނެރީގޭ މުހައްމަދު ނަޝީދާ ގާތް ގުޅުމެއް ބާއްވާ ވާހަކައެއް ނޫން. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަޅުގަނޑުމެންނަށް މުހިއްމު ވާނެ. ގައުމީ ޕާޓީ ވެސް އަޅުގަނޑުމެންނަށް މުހިއްމު ވާނެ. އަދާލަތު ޕާޓީ ވެސް އަޅުގަނޑުމެންނަށް މުހިއްމު ވާނެ. ހުރިހާ ޕާޓީތަކެއް މުހިއްމުވާނެ. އެކަނި ނުކުމެ ކޮސް ތެޅޭނީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ އެންމެން ދަންނަ، އެންމެންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހެ އެވެ. އަދި މީހުންނާ މުހާތަބުކޮށް ހުތުރު ބަހުން ވާހަކަ ނުދައްކާ މީހަކަށް ވެސް ރިޔާސީ ކެންޑިޑޭޓް ވާން ޖެހޭ ކަމަށް އިލްހާމް ވިދާޅުވި އެވެ.
"ހުރިހާ މީހުން ގުޅިގެން ނޫނީ އަޅުގަނޑު ގަބޫލެއް ނުކުރަން 2013 ވެސް ކާމިޔާބުކުރެވޭނެ ކަމަކަށް. މިހުރިހާ ބޭފުޅުން ގަބޫލުކުރާ ފޯމިއުލާ އަކީ ކޮބައިތޯ، މިއީ މިއަދު ރައްޔިތުން އުފައްދާ ސުވާލަކީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ގައި ނަޝީދާ އެކު އިއްތިހާދުވީ ޕާޓީތަކާ ޕީޕީއެމުން މޫނުކެނޑިފައި ތިބެއްޖެ ނަމަ ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީއާ އެކު އެ ފަރާތްތައް ކޯލިޝަން ހެދުމަކީ ދުރު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިލްހާމް އެ ދެއްކެވީ ކޮން ޕާޓީއެއްގެ ވާހަކައެއް ކަމެއް އޭނާ ތަފްސީލުކޮށް ވިދާޅެއް ނުވެ އެވެ. އެކަން އެހެންވިޔަ ނުދިނުމަށް އެއް ޕާޓީން އަނެއް ޕާޓީއާ ދިމާލަށް އިނގިލި ދިއްކުރުން ހުއްޓާލައި، އެކަކު އަނެކަކަށް އިހްތިރާމްކުރަން ޖެހޭ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާތު ވެރިން ވެރިކަމަށް ވަޑައިގަންނަވާއިރު އަތޮޅުތެރޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ. އެހެންކަމުން މިފަހަރު ވެރިކަމަށް ވަޑައިގަންނަވަން ޖެހޭނީ ރަށްރަށުގެ ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ