ކްރިމިނަލް ކޯޓުން ތިން މަސް ދުވަހުގެ ތެރޭގައި ވެސް ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވި: ޕީޖީ އޮފީސް

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީއަކު ނެތުމުން ކަމަށް ބުނެ މަހެއްހާ ދުވަސް ވަންދެން ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިގަތުން ހުއްޓާލާފައި އޮތުމަށްފަހު މައްސަލަ ބަލައިގަންނަން ފެށީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އޭރު ގިނަ އަދަދެއްގެ މައްސަލަތައް ޕީޖީ އޮފީހުގައި ހުރީ ފުނިޖެހިފަ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ އެކު މައްސަލަތައް ބަލައިގަންނަ ފެށިފަހުން ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލަތަކުގެ ތެރެއިން 120 މައްސަލައެއް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އޭގެކުރިން ވެސް ބަލައިނުގަނެ ހުރި މައްސަލަތަކާ އެކު އެ އަދަދު 435 އަށް މިހާރު އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް މިއަދު ވާހަކަ ދައްކަވަނީ: ކްރިމިނަލް ކޯޓުން މިހާރު ވެސް މައްސަލަތައް އަނބުރާ ފޮނުވާލާ ކަމަށް ވިދާޅުވި --ހަވީރު ފޮޓޯ/ނަސްރުﷲ ސޯލިހް ޝަމީމް ވިދާޅުވި ގޮތުގައި އެ ކޯޓުން މައްސަލަތައް އަނބުރާ ފޮނުވާލަނީ މާލެ ނޫން ރަށްރަށުގައި ދާއިމީ އެޑްރެސް އޮތުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ކަމަށެވެ. އެއީ އެ މައްސަލަތަކަކީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގެ ކޯޓަކުން ބަލަންޖެހޭ މައްސަލައެއް ކަމަށްވާތީ ކަމަށް ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މީހަކީ މާލޭގައި ކުށްކުރި މީހެއް ކަމަށްވެފައި އެ މައްސަލައެއް ރަށު ކޯޓުތަކުން ބަލަން ޖެހުމުން އިތުރުދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ގާނޫނުގެ މަގްސަދަކީ ވެސް ފަސޭހައިން ހިދުމަތް ދެވޭ ގޮތަކަށް އޮތުން. އެހެންވެގެން ސުޕީރިއާ ކޯޓުތަކުން ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ބެލޭ ގޮތަށް ގާނޫނު އޮންނަނީ. ނަމަވެސް އެ ގާނޫނުގެ މަގްސަދު ހާސިލްވާ ގޮތަކަށް ނޫން މިހާރު ކަންތައްތައް މިވަނީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ބިދޭސީން ހެކިންގެ ގޮތުގައި ހުށަހަޅާ މައްސަލަތަކުގައި ދައުލަތުން ތަރުޖަމާނަކު ހަމަޖައްސައި ނުދޭ ކަމަށް ބުނެ ވެސް އެ ކޯޓުން މައްސަލަތައް އަނބުރާ ފޮނުވާލަމުންދާ ކަމަށެވެ. ނަމަވެސް ގަވާއިދު އޮންނަ ގޮތުން އެއީ ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަވާއިދު އޮންނަ ގޮތުން އެ މައްސަލައެއް އޮންނަ ކޯޓަކުން ކުރަންޖެހޭ ކަމެއް އެއީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 932 މައްސަލައެއް ރާއްޖޭގެ އެކި ކޯޓުތަކަށް ފޮނުވި ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށްފަހު 356 މައްސަލައެއް ކޯޓަށް ނުފޮނުވާ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ