ޕަމްޕް ސިސްޓަމަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލެ އިން ސަޕްލައި ފެން ކަނޑާލައިފި

އެމްޑަބްލިޔުއެސްސީގެ ޕަމްޕް ސިސްޓަމަށް ދިމާވި ކަރަންޓްގެ މައްސަލައަކާ ގުޅިގެން، ހުޅުމާލެ އިން ސަޕްލައި ފެން ދޫކުރުން މިއަދު މެދުކަނޑާލައިފި އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ހުޅުމާލެ އިން ފެން ކަނޑާލީ މެންދުރެއް ހާއިރު ކަމަށެވެ. އަދި އަލުން ފެން ދޫކުރަން ފެށޭވަރުވާނީ މިރޭ ހަތެއް ޖަހާކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެމްޑަބްލިޔުއެސްސީގެ ޕަމްޕް ސިސްޓަމްގެ ކަރަންޓް މައްސަލަ ދިމާވުމަށް މެދުވެރިވި ސަބަބެއް އަދި ނުހޯދެ އެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން މިހާ ގިނަ އިރަކަށް ހުޅުމާލެ އިން ފެން ކަނޑާލަން ޖެހިފައެއް ނެތެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދޭތެރެދޭތެރެ އިން ފެން ކެނޑެމުންދާ ކަމުގެ ޝަކުވާ އެ ރަށުގެ ބައެއް މީހުން ކުރެ އެވެ. އަދި މިއަދު ފެން ކެނޑެން ދިމާވި ސަބަބު ނޭނގި ގިނައިރުތަކެއް ވުމުން އެކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ