"ހަވީރު"ގައި ފާރޫގާއި ރަޝީދުގެ އެއްވެސް ހިއްސާއެއް ނެތް، އެއްޗެއް ދޭކަށް ވެސް ނުޖެހޭ: ހުކުމް

"ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ
ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ
އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އެއްވަރަށް ހިއްސާވާ ގޮތަށް 31 މާޗު 1983 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީން ކަމަށާއި
އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ އެ ހަތަރު މީހުންގެ މެދުގައި ބަހަން ޖެހޭ ކަމަށް ބުނެ ރަޝީދު މޫސާ އާއި ފާރޫގު ކުރެއްވި ދައުވާގެ ހުކުމްގައި ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވެފައި ވަނީ އެކަން ޝަރީއަތަށް ސާބިތުވާ ވަރުގެ ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ.ހުކުމުގައިވާ ގޮތުން ފާރޫގާއި ރަޝީދު މޫސާ ހުށަހަޅުއްވާފައިވާ އެއްބަސްވުމަކީ "އޭގެ ޒާތުން އެ މައްޗަށް އަމަލްކުރެވޭ ފަދައަކުން އަދި ގާނޫނީ ގޮތުން ބަނދެވޭ ފަދައަކުން އޮތް އެއްބަސް ވުމެއް ނޫނެ"ވެ. "ކޮންޓްރެކްޓެއް ކޮންޓްރެކްޓަކަށް ވުމަށް ބޭނުންވާ މައިގަނޑު އެއް ރުކުނަކީ މުޤާބިލެއް އޮތުން ކަމުގައިވާ އިރު، ދައުވާކުރާ ފަރާތްތަކުން ބަޔާންކުރާ 31 މާޗު 1983 ގައި ކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު މި އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިންނަށް އިލްތިޒާމެއް އަދި އެ ބައިވެރިން މި މުއާމަލާތަށް ދޭ ހިއްސާއެއް ވެސް ބަޔާންކުރެވިފައި ނުވާ އިރު، މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ މުޤާބިލެއް ނެތް ކަން އެނގެ" އެވެ"، ހުކުމުގައިވެ އެވެ.ގާޒީ ފާހަގަކުރެއްވި އެހެން ނުކުތާތަކުގެ ތެރޭގައި ހަވީރު ނިއުސް އެޖެންސީއޭ ބުނެފައިވާ އެއްބަސްވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ހަވީރުގެ މަސްއޫލުވެރިޔަކީ ޒާހިރުކަން، ޝަރީއަތަށް ހުށަހެޅި ހެކިތަކުން ސާބިތުވެ އެވެ. އަދި "ހަވީރާ"އި ލޯމާފާނު ޕްރިންޓްގެ ތަރައްގީ އަށް ޒާހިރު ފިޔަވައި އެހެން ފަރާތަކުން އެއްވެސް ހޭދައެއް ކުރައްވާފައި ނުވާ ކަމަށް ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.ހަވީރާއި ލޯމާފާނު ޕްރިންޓް ހިންގުމަށް ސަރުކާރާއި މާލީ އިދާރާތަކުން އެކި ދުވަސްވަރު ލޯނުތައް ނަގާފައި ވަނީ ވެސް ޒާހިރު ޒިންމާވާ ގޮތަށް އަދި ޒާހިރުގެ ނަމުގައި ކަމަށާއި އެއިން އެއްވެސް މުއާމާލަތެއްގައި ފާރޫގާއި ރަޝީދު މޫސާގެ އެއްވެސް ދައުރެއް އަދި ހިއްސާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތް ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.ރަޝީދު މޫސާ އާއި ފާރޫގުގެ ހައްގެއް ހަވީރާއި ލޯމާފާނު ޕްރިންޓްގައި އޮތް ކަމަށް އެ ދެ ބޭފުޅުންގެ ދައުވާގައި ބުންޏަސް 1983 އިން ފެށިގެން މިހާތަނަށް ވެސް އެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅެއް އަޅައި ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.ގާޒީ ނިހާޔަތުގެ ހުކުމް ނިންމަވާފައި ވަނީ "ހަވީރާއި ޗާޕްޚާނާގައި ދައުވާކުރާ ފަރާތުގެ ހިއްސާއެއް ވާ ކަމުގައި ބެލޭނޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ވިޔަސް ނެތުމުން، ދުވަހު ނޫސް "ހަވީރު" އަދި ޗާޕްޚާނާ ހިންގައިގެން މިހާތަނަށް ލިބިފައިވާ ނަފާއިން ދައުވާކުރާ ފަރާތްތަކަށް އެއްވެސް މިންވަރެއް ދިނުމަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަމުރުކުރާނޭ ތަނެއް ނެތް ކަމަށް ކަނޑައަޅާ"ފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ