ގާސިމް ބޭރަށް ނުފޮނުވައި ދައުލަތުން ހުކުމް އިސްތިއުނާފު ކުރަނީ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ނުދީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމްގައި ބޭސްފަރުވާއާ ގުޅޭގޮތުން ހިމަނާފައިވާ ބައި އިސްތިއުނާފު ކުރަން ދައުލަތުން އުޅޭނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށާއި، ރާއްޖެއިން ލިބެން ނެތް ފަރުވާތަކެއް ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ތަކުރާރުކޮށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. އަދި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި ވެސް ވަނީ އެމަނިކުފާނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް އޭގެ ފަހުން ފަސްދުވަސް ވެފައިވާއިރު އަދިވެސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ނުލިބިގެން އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ.
ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހޯދުމަށް ޖުމްހޫރީ ޕާޓީއާއި އާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގައި ބޭސްފަރުވާއާ ގުޅޭގޮތުން ހިމަނާފައިވާ ބައި ބަންޑާރަ ނާއިބުގެ ލަފާގެ މަތިން ދައުލަތުން އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެއީ ތެދަކަށްވާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ސަމީރު ވިދާޅުވީ ގާސިމް ވީހާވެސް އަވަހަކަށް ބޭސްފަރުވާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އައިޖީއެމްއެޗަށް ގާސިމްގެ އަރިހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި އަދި މިއަދު ޖުމްހޫރީ ޕާޓީން އެމަނިކުފާނާ ބައްދަލުކުރުމުން ދެއްކެވި ވާހަކަފުޅުގައިވެސް އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ސަރުކާރުން އިޚުލާސްތެރި ނިޔަތެއްގައި ދެއްކި ވާހަކައަކަށް ވާނަމަ، ސޯޝަލް މީޑިއާގައި ދެކެވޭ އެވާހަކައަކީ ތެދަކަށް ނުވާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ކޯޓު ހުކުމެއް އޮވެވެސް އެމަނިކުފާނު ފުރާވަޑައިގަތުން މިހާބޮޑަށް ދިގުދެމިގެން ގޮސްފައިވަނިކޮށް، އެފަދަ ނިންމުމެއް ސަރުކާރުން ނިންމައިފިނަމަ ސަރުކާރުގެ އިޚުލާސްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މެޑިކަލް ބޯޑުން ކަންކަން ނިންމުމަށް ބޯޑަށް ގެންނަން ޖެހޭ ބަދަލުގެނެސް، މިއަދު ބޯޑު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވުމުން މެޑިކަލް ބޯޑަށްވެސް އެހެން ގޮތަކަށް ނުނިންމޭނެ ކަމަށެވެ. އަދި ވީހާވެސް އަވަހަަކަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވުމަށް ތަކުރާރުކޮށް ސަމީރު ސަރުކާރަށް ގޮވާލެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ހޯމް މިނިސްޓަރާ މިއަދު ބައްދަލުކޮށްފައިވަނީ ރަައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެެއްގެ ގޮތުގައި ހޯމް މިނިސްޓަރު ރޭ އައިޖީއެމްއެޗަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. ހޯމް މިނިސްޓަރު ރޭ އައިޖީއެމްއެޗަށް ވަޑައިގެންނެވިއިރު، އަަރިހުގައި ކުރީގެ ވަޒީރު އަދި ލަންކާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސައިން ޝަރީފްވެސް ހުންނެވިއެވެ. މިއީ ގާސިމްގެ ހިތުގެ އާލާސްކަންފުޅެއްގައި މިވަގުތު އައިޖީއެމްއެޗުގައި އަދި މީގެ ކުރިން އޭޑީކޭއާއި މެޑިކާގައި އެޑްމިޓް ކުރި ފަހުން ސަރުކާރުގެ އިސްވެރިޔަކު ގާސިމްގެ އަރިހަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވީނަމަވެސް، އެއަމުރު ތަންފީޒު ކުރުން ލަސްވުމާއި، ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން އާއިލާއާއި ޖުމްހޫރީ ޕާޓީންވެސް ދަނީ ކަމާ ގުޅޭ ފަރާތްތަކާއި އިދާރާތަކާ ބައްދަލުކޮށް އެހުއްދަ ދިނުމަށް އެދެމުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކަނޑައެޅި ޑޮކްޓަރުވެސް ވަނީ ގާސިމަށް ރާއްޖެއިން ދެެވޭނެ ފަރުވާއެއް ނެތް ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާ ދިނުމަށް ލަފާދެއްވާފައެވެ. ރާއްޖޭގައި ހުރި ހިތުގެ އެންމެ މޮޅު ޑޮކްޓަރު، ޑރ އަލީ ޝަފީގުވެސް ވަނީ ގާސިމަށް ފަރުވާ ދިނުމަށްޓަކައި އީ.ޕީ.އެސް އާއި އާރު.އެފް.އޭ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި މިއީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަންތަކަކަށް ނުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ލަފާދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ