ފްލެޓް ހޯދަން ރައްޔިތުން ކިއުގައި ޖައްސާކަށް ބޭނުމެއް ނޫން: މުއިއްޒު

ރައީސް ނަޝީދުގެ ސަރުކާރުން މާލޭގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން ގާކޮއްޓާއި އަރަބިއްޔާ ކުރިން ހުރި ބިމުގައި އެޅި ފްލެޓްތައް ގަތުމަށް މީހުން ކިއު ހަދަން ފެށިފަހުން، އޭގެ 2 ދުވަސް ފަހު ފްލެޓުތައް ވިއްކުން މެދު ކަނޑާލައިފި އެވެ.
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ގާ ކޮއްޓާއި އަރަބިއްޔާ ސައިޓުގައި ހުރި ފްލެޓްތަކުގެ ތެރެއިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ވިއްކަން ކަނޑައެޅި ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހަދަން ޖެހުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ފްލެޓް ގަތުމުގައި ފަސޭހަ ގޮތެއް ހަމަޖެއްސުމަށް މިވަގުތަށް ފްލެޓްތައް ވިއްކުން މަޑުޖައްސާލައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންނަށް ފަސޭހަ ގޮތެއް ހަމަޖެއްސުމަށްފަހު އަލުން ފްލެޓް ވިއްކަން ފަށާނެ ތާރީހެއް މިނިސްޓަރ މުއިއްޒު ހާމައެއް ނުކުރައްވަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވީނިއުސް އަށް ވިދާޅުވީ ދެން ފްލެޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރާނެ ތާރީހަކާއި، ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތެއް އަދި ފައިނަލް ނުވާ ކަމަށެވެ. މި މައުލޫމާތު ސާފުވިހާ އަވަހަށް މީޑިއާ ހިއްސާ ކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އިންޑިޔާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ 264 ފުލެޓްގެ ތެރެއިން ތެރެއިން 150 ފްލެޓް ވިއްކާލުމަށް އެޗްޑީސީން ނިންމާފައިވާތީ މީގެ ދެ ދުވަސް ކުރިން މީހުން ވަނީ ފްލެޓް ގަތުމަށް އެދޭ ފޯމު ހޯދުމަށް ހުޅުމާލޭ ޣާޒީ ސުކޫލު ކައިރީގައި ކިއު ހެދި އެވެ. އެޗްޑީސީން ކުރިން ބުނެފައި ވަނީ ޕްލެޓް ގަތުމަށް އެދޭ ފޯމު ދޫކުރާނީ 100،000 ރުފިޔާގެ ބޭންކް ގެރެންޓީ ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ތިން ކޮޓަރިއާއި ދެ ފާހާނާ އާއި ސިޓިންގރޫމާއި ބަދިގެ ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ މި ފުލެޓްތަކުގެ ތެރެއިން އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ "މާލެ ގްރޭންޑް" އިން ވިއްކުމަށް ހަމަޖެހިފައި ވަނީ 30 ފުލެޓެވެ. އަދި ގާކޮށީގައި އިމާރާތްކޮށްފައިވާ "މާލެ ސްކޮޔަރ" އިން ވިއްކާނީ 75 ފްލެޓް ކަމަށް އެޗްޑީސީން ބުނެއެވެ. މި ފުލެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ ދެ މިލިއަން ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ