ފައިސާ ހަމަޖެހުމާއެކު ބާރަދާއިރާގެ އިންތިޚާބު ބާއްވާނަން: އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވާ 12 މެންބަރުން ދާއިރާގެ އިންތިޚާނު ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހުމާއެކު އިންތިޚާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް އާފާތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދުމަށް މިއަދުވާނީ ފިނޭންސް މިނިސްޓްރީއަށް ދަންނަވައިފައި ކަމަށެވެ. "އަޅުގަނޑުމެން މިއަދުވާނީ ބާރަދާއިރާގެ އިންތިޚާބު ބޭއްވުމަށް ބޭނުންވާ 14.1 މިލިއަން ރުފީޔާ ދޫކޮށް ދެއްވުމަށް އެދި ފިނޭންސް މިނިސްޓްރީގައި އެދިފައި. އެފައިސާ ހަނަޖެހުނުހާ އަވަހަކަށް އެދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނަން،" އަކުރަމް ވިދާޅުވިއެވެ.
ގޮނޑި ގެއްލފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ 12 މެމްބަރުންނަކީ ހއ. އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުއާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
މިދާއިރާތަކުގެ ބައިއިލެކްޝަންތައް ނުބާއްވައި ލަސްވީ ގޮނޑި ގެއްލިފައިވާ ފަރާތްތަކުން އެމައްސަލަ ކޯޓަށް ވައްދައިގެން ގޮތެއް ނުނިމިފައިވާތީއާއި އެ އިންތިޚާބު ފަސް ކުރުމަށް ކޯޓުން ހުކުމެއް އައިސްފައިވާތީ ކަމަށް އަކުރަމް ވިދާޅުވިއެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުގެ "އެންމެފަހުގެ ހުކުމަށް ފަހު އިލެކްޝަން ބާއްވަން ނިންމީ" ކަމަށް އޭނާ ވިދާޅުވިއެވެ. އަކުރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަނީ ގާނޫނީއިމުގެ ތެރެއިން އެ ކޮމިޝަނުގެ ލީގަލް ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ