ވޯޓުގައި ނަޝީދު ބަލިވުމުން އިިދިކޮޅު އިއްތިހާދު ތެރޭގައި ހުޅުފަޅައިގެން ހިނގައްޖެ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ގައި އިދިކޮޅު އިއްތިހާދުން ވާދަކުރާނެ ކެންޑިޑޭޓަކަށް އެންމެ ރަނގަޅު ވާނީ ކޮން ބޭފުޅެއްތޯ ބަލަން ރާއްޖެ ޓީވީ އިން ޓްވިޓާ މެދުވެރިކޮށް ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން ވަނަ އަށް ދިއުމުން އިދިކޮޅު އިއްތިހާދުގެ ތެރޭގައި ހުޅުފަޅައިގެން ހިނގައްޖެއެވެ.
މިވޯޓްގައި ދިހަ ހާހަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ވޯޓްގެ ނަތީޖާ ދައްކާ ގޮތުން ގާސިމަށް 43 ޕަސެންޓް ލިބިފައިވެ އެވެ. ޝައިޚް އިމްރާނަށް 30 ޕަސެންޓް ލިބުނު އިރު، ނަޝީދަށް ލިބުނީ އެންމެ 25 ޕަސެންޓް ވޯޓެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވޯޓު ދިނީ ދެ ޕަސެންޓް މީހުންނެވެ.
ވޯޓުން ނަޝީދު ބަލިވުމާއި އެކު އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނަމުންނެވެ. އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނާ ގޮތުގައި ޖޭޕީ އިން ވަނީ ފައިސާ ދީގެން ވޯޓް ގަނެފައެވެ. ފައިސާ ދައްކާ ގޮތައް ބޮޓްތަކުން ޓްވިޓާގެ ޕޯސްތަކުގައި ވޯޓް ދެވެއެވެ.
އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ވިލާ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގާސިމަށް ވޯޓް ދީފައިވާ ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ.
ނަމަވެސް ޖޭޕީގެ ސަޕޯޓަރުން ބުނަމުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ބުރަވެ އިދިކޮޅު ކެންޑިޑޭޓްގެ ގޮތުގައި ގާސިމް ނެރެން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ