ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުތަކަށް ހަރަދުކުރެއްވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ކަމަށް ޕީޕީއެމްގެ މެމްބަރު, ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ޕީޕީއެމުން ވެސްޓްޕާކް ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުތަކުގައި ހަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަމަށެވެ. އަދި މީރާއަށް ދައްކަންޖެހޭ އެ ފައިސާ ރިޔާސީ އިންތިހާބަށް ހަރަދުނުކުރިނަމަ 2000 ވޯޓުވެސް ނުލިބޭނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
"ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިޚާބު ތަކުގައި ޚަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ އޭ. އެ ފައިސާ ޚަރަދުނުކޮށް ރިޔާސީ އިންތިޚާބަކަށް ގާސިމް އިބްރާހިމް ނުކުމެއްޖެކަމަށްވާނަމަ އޭނާއަށް 2000 ވޯޓު ވެސް މިރާއްޖެއިން ނުލިބޭނެ." ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވިއެވެ.
ފަލާހް ރޭ މިހެން ވިދާޅުވި ނަމަވެސް ވިލާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާކަމަށް ބުނެ މީގެ ކުރިން މީރާއިން ކޯޓަށް ހުށަހެޅި މައްސަލާގައި ދައްކަން ޖެހޭ ފައިސާ ދައްކާފައިވާކަަމަށް މީރާއިން ވަނީ މިފެބްރުއަރީ މަހުގެ ތެރޭގައި ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.
ޓެކްސް ފައިސާ ނުދައްކާ ކަމަށް ބުނާ މައްސަލާގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިމަހުގެ 17 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ވިލާ ޝިޕިންގް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. ދައްކަން ޖެހޭ ފައިސާއެއް ވާނަމަ މީރާ އިން އެކަން ހާމަ ކޮށްދިނުމަށް އެދޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހީމް ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފުރަތަަމަ ބުރުން ބަލިވުމުން, 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަންތައް ކުރެއްވި ގޮތަށް އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރައްވައި ގިނަ ގުނަ މަސައްކަތެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ 2013 ވަނަ އަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެނޑިޑޭޓް, ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަށް ތާއީދުކުރައްވައި ބޮޑުހޭދައެއްކޮށް ވަރިކަން ހޯއްދަވައި ދިނުމުގެ ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައެވެ.
އިންތިހާބަށް ޓެކްސް ފައިސާ ހަރަދުނުކުރިނަމަ 2000 ވޯޓުވެސް ނުލިބޭނެ: ފަލާހްް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ