އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބުގައި ގެންނާނެ ފޮރމިއުލާއެއް ނެތް: އުމަރު

އިދިކޮޅު ފަރާތްތަކުގެ ކިބައިގައި 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ފޯރމިއުލާއެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.  އަބަދުވެސް ވެރިކަމަށް އައުމަށް ބޭނުންވެފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އެހެން ޕާޓީތައް ވެރިކަމަށް ގެނައުމަށް ކަމަށެވެ. އަދި އޭގެ ސަބަބުން އެޕާޓީއަށް ފާއިތުވެ ދިޔަ ނުވަ އަހަރުގެ ތެރޭގައި ކުރަންޖެހިފައިވަނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަހުލަވާނުންނާއެކު ފަލިޖަހާފައި 2018 އާ ދިމާއަށް ދަތުރުކުރަންޖެހޭ ކަމަށެވެ. އުމަރު މިހެން ވިދާޅުވި އިރު، އެޕާޓީގެ މާލިމީކަމުގައި ހުންނެވި ގާސިމް އިބްރާހީމް ހުރީ ތިން އަހަރާ ދެމަހުގެ ޖަލުހުކުމެއްގައެވެ.  ޖަލު ހުކުމަށް ފަހު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ގާސިމް ވަނީ ގައުމުން ބޭރަށް ވަޑައިގެން ފިއްލަވާފައެވެ.  އެހެން ކަމުން މާލިމީއަކު ނެތް އޮޑިއެއްގައި ފަހުލަވާނުން ކިތަންމެ ބާރަށް ފަލިޖެހިޔަސް މަންޒިލަކަށް ނުދެވޭނެކަން އުމަރު ނަސީރަށް އެގިވަޑައި ނުގަންނަވަނީބާވައެވެ.  ނުނީ ހަމަ ޖުމުހުރީ ޕާޓީގެ ރިޔާސީ ޓިކެޓްގެ ބޭނުމުގައި ދައްކާ ވާހަކަ ތަކެއްބާވައެވެ. މީގެއިތުރުން އުމަރު ވިދާޅުވީ އިދިކޮޅު ކޯލިޝަނެއް އޮތް ނަމަވެސް ކޯލިޝަންގައި ރަގަޅު ފޮމިއުލާއެއް ނެތް ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގައި ފޮމިއުލާއެއް އެބައޮތް ކަމަށް ވިދާޅުވެ ގާސިމް 2018 ގެ ރިޔާސީ އިންތިޚާބަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގާސިމް ވެރިކަމަށް ގެނައުމަށްޓަކާ އެހެން ޕާޓީތަކުން ވެސް ވިސްނުމަށް އުމަރު ގޮވާލެއްވިއެވެ. އުމަރު މިހެން ވިދާޅުވި އިރު، އެމްޑިޕީން ބުނެފައިވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ޕާޓީގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެޕާޓީގެ ޓިކެޓްގައި ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް މަރުފަލިޖަހަމުންދާއިރު، އަދާލަތު ޕާޓީންވެސް ވަނީ އެޕާޓީގެ ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން ވިސްނަމުންދާކަމަށް ބުނެފައެވެ.  އެހެންކަމުން އިދިކޮޅު ޕާޓީތަކުގެ ވިސްނުން ހުރި ގޮތައް ބަލާއިރު ކޮންމެ ޕާޓީއަކުން ވެސް ރިޔާސީ އިންތިޚާބުގައި ގައިދީއަކު ނެރުމުގެ ވިސްނުން ގެންގުޅޭކަން މިހާރު ވަނީ ހާމަވެފައެވެ.ގާސިމް އިބްރާހީމް 2018 ގެ ރިޔާސީ އިންތިޚާބަށް ނެރޭކަން ހާމަކުރައްވާ އުމަރު ނަސީރު ދެއްކެވި ވާހަކައިގައި އުމަރު ވަނީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގައި ވާނުވާ ޖަހައިގެން ރިޔާސީ އިންތިޚާބު ގައިދަށުވެގެން ދާއިރުވެސް ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ އޮންނަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.  2018 ގެ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހީމް ނެރުމުގެ މަސައްކަތް ކުރައްވާކަން ހާމަކުރައްވާ އުމަރު މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގަނެވޭނެ ގާނޫނީ އެއްވެސް ހަމައެއްނެތެވެ.  ސަބަބަކީ ވެރިކަމަށް ވަޑައިގަތުމުގެ ގާނޫނީ ހުރިހާ ދޮރެއް ގާސިމަށް  ބަންދުވެފައި ހުރުމެވެ.  ގާނޫނު އަސާސީގައި ބުނާ ގޮތުން އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހަކަށް ވެރިކަމަށް ނާދެވޭނެ ކަމަށް ބުނެފައިވާ އިރު، ގާސިމަކީ މިހާރު އުމުރުން ފަސްދޮޅަސް ފަސް އަހަރު މަތީ ބޭފުޅެކެވެ. އަދި ޖަލުގައި ތިބި ގައިދީންނަށް ވެރިކަމަށް އާދެވޭނެ ގާނޫނެއް ވެސް ވުޖޫދުގައި ނެތް އިރު ގާސިމަށް ވެރިކަމަށް އައުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމެވެ. އަދި ދިވެހިޖުމުހުރިއްޔާގެ ގާނޫނު އަސާސީގައިވެސް އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުންނަށާއި، ޖަލު ހުކުމް ތަންފީޒު ކުރައްވަމުންދާ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭނެ ޖާގައެއް ދީފައިނުވެއެވެ. އެހެން ކަމުން މިފަހަރު ރިޔާސީ އިންތިޚާބުގައި ގާސިމް ނެރުމަށް ކުރާ މަސައްކަތް ދާނީ ފަނުފުލުންނެވެ. ގާސިމަކީ 2008 ގެ ރިޔާސީ އިންތިޚާބާއި، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ