ކާފަ ބޭފުޅުންނަށް މައުމޫން އަރިހަށް ވަޑައިގެންނެވޭ ގޮތް ހެދުމަށް އެދިއްޖެ

ދޫނިދޫގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ބައްދަލު ކުރުމަށް ދޫނިދޫއަށް ދިއުމުގެ ހުއްދަ އެމަނިކުފާނަށް ކާފަ ވިދާޅުވާ ބޭބޭފުޅުންނަށް ދެއްވުމަށް ނަސްރީނާ އިބްރާހީމް އެދިވަޑައިގެންފިއެވެ.
ނަސްރީނާ އެކަމަށް އެދިވަޑައިގެންފައިވަނީ އެކްޓިން ކޮމިޝަނަ އަބްދުﷲ ނަވާޒަށް މިއަދު ފޮނުއްވި ސިޓިއެއްގައެވެ.
އެސިޓީގައި ނަސްރިނާ ވަނީ އެމަނިކުފާނު މާފުށީގައި ހުންނެވި އިރު އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު ކާފަ ވިދާޅުވާ ބޭފުޅުންނަށް ލިބުނު ކަމަށާއި އެހެން ކަމުން ދޫނިދޫގައި ހުންނަވާ އިރު ވެސް އެ ފުރުސަތު ލިބިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫންގެ ހާލުކޮޅު ބޮޑުވެ ކޮންމެ ރެއަކުހެން ނަސްރީނާ ދޫނިދޫއަށް ވަޑައިގަންނަވާ އިރު އެމަނިކުފާނުގެ ހާލުކޮޅު ދެކިލަން ކާފަ ބޭފުޅުން ނުހަނު ބޭނުންވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވެފައިވެއެވެ.
މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ހާލުކޮޅު ގޯސް ކަމަށް ބުނެ އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމަށް އާއިލާއާއި ވަކީލުން ގޮވާލާ ގޮވާލުމުގެ އަޑުވަނީ ހަރުކޮށްފައެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.
އެ ހާލަތު މެދުވެރިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.
އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެއިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ