ގާޒީ ހައިލަމް ސަސްޕެންޑްކޮށްފި، ޔާމީންއަށް ހުކުމް ކުރުން ކެންސަލް
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށްފި އެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު މެންދުރު 1:00 ގައި ކުރިމިނަލް ކޯޓްގައި ބާއްވަން ތާވަލް ކުރި އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ބޭނުންކޮށްގެން ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުން އިއްޔެ އިސް ގާޒީ ހައިލަމްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެކަމާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، މިއަދު ހެނދުނު 8:00އަށް ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަނުން އޭނާއަށް ވަނީ އަންގައިފަ އެވެ. އެކަމަކު، ހައިލަމް ވަނީ އެކަމަށް އުޒުރުވެރިވެ އެ ކޮމިޝަނަށް ސިޓީ ފޮނުވައިފަ އެވެ. ޖޭއެސްސީއިން ހައިލަމް ސަސްޕެންޑު ކުރަން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ޖޭއެސްސީއަށް ހާޒިރުވާން އުޒުރުވެރިވެ ހައިލަމް ފޮނުވި ސިޓީގައި މަގުބޫލު ސަބަބެއް ބަޔާން ނުކުރާ ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ ތަހުނިޔާއާ އެކު ފޮނުވި ފޮޓޯއާ ގުޅިގެން އޭނާ މައާފަށް އެދި ނެރުއްވި ބަޔާނަކީ، ޖޭއެސްސީއަށް އޭނާ ދިން ބަހެއް ކަމަށް ޖޭއެސްސީއިން ބުންޏެވެ. އޭނާގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އޭނާ މަސައްކަތަކަށް ނުކުމެ އުޅުމަކީ މައްސަލައިގެ ޒާތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައެއް ކަމަށް ޖޭއެސްސީއިން ބުންޏެވެ. އެހެންކަމުން، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ ލ. ގެ ދަށުން 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އޭނާ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ. ހައިލަމް ސަސްޕެންޑު ކުރަން މިއަދު ނިންމިއިރު، ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލުމަކީ، އެއީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ