ރާއްޖޭގައި އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ: ނަޝީދު

މި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އަލުން އަނބުރާ އިސްލާމް ދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލ. ގަމު ތުނޑީއަވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް އެހެން މީހަކު އައިސް އަނެއްކާ އަލުން އިސްލާމް ދީނަށް ދައުވަތު ދޭން ޖެހޭނެ ސަބަބެއް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް، މި ތަނުގައި އައިސް އަޅުގަނޑަށް އިސްލާމްދީނަށް އެހެން މީހަކު އަނެއްކާ އަލުން އަނބުރާ ދައުވަތު ދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑުމެން އިސްލާމްދީން މަތީގައި މިރާއްޖޭގައި ތިބޭތާ 800 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިގައުމުގައި އެހެން މީހަކަށް ދައުވަތު ދޭކަށް ނެތް ކަމަށާއި ދިވެހިން ސޯލިހުންގެ ގޮތުގައި އިސްލާމް ދީނަށް އުޅުނީމައި ރާއްޖެ ދާނީ ބިނާވަމުން ކަމަށެވެ.
"އަޅުގަނޑު ދަންނަވަންތޯ އަޅުގަނޑަކީ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ ކެނެރީ އަބްދުއްސައްތާރު. ހެންވޭރު ކަޅުބޭ އަބްދުލް ލަތީފުގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑު މިހިރީ އިސްލާމްދީން މަތީގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް މިއޮތް ހަތަރު އަހަރު ވެގެންދާނީ ރާއްޖެގެ ރައްޔިތުން ދުވަހަކު ވެސް ނުދެކޭވަރުގެ ބަދަލުތަކެއް އަންނާނެ ހަތަރު އަހަރުކަން ފާހަގަކުރައްވާ ނަޝީދު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ