ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް: މައުމޫން

ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން އެކަން ކުރިި ބަޔަކަށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ފުލުހުން ބުނީ ދެ އަަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށައެޅިފައިވަނީ ބުދަ ދުވަހު ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ކަމަށެވެ.
އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ ގަބޫލުކުރަންވެސް ދަތިވި ވާހަކައެއް ކަމަށެވެ. އަދި އެއީ ޖަނަވާރުންގެ އަމަލެއްގެ ގޮތުގައި ރައީސް މައުމޫން ސިފަ ކުރެއްވިއެވެ.
ރައީސް މައުމޫން ވަނީ އެކަންކުރި ބަޔަކަށް ގާނޫނޫ ގޮތުްނ ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"ގަބޫލުކުރަންވެސް ދަތި 'ޖަނަވާރުންގެ އަމަލެއް'. އެކަން ކުރި ބަޔަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެންމެ ބޮޑު އަދަދުދޭން ޖެހޭނެ." މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.
ދެކުނު ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. ތުއްތު އެ ކުއްޖާއަށް އާއިލާގެ ގިނަ ބަޔަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެއެވެ. އަދި އެ ކުއްޖާގެ ބައްޕަގެ ފަރާތުންވެސް އެފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށް އެނގިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އާންމު ރައްޔިތުންވެސް ގެންދަނީ މައްސަލަ އަވަހަށް ބަލާ، އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެފަދަ ގިނަ މައްސަލަތަކަަށް އިންސާފު ގާއިމްކުރެވިފައި ނެތުމަކީ މުޖްތަމައުން އެ "ވަބާ" ފިލައިގެން ނުގޮސް އޮތް މައިގަނޑު ސަބަބު ކަމަށް ގިނަ މީހުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ