ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތު ކުރާ މައްސަލައެއް ބަލަމުންދަނިކޮށް އެމަނިކުފާނު މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ފުރާވަޑައިގެންފައިވާކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އަބުދުﷲ ދީދީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިން ވެސް ހަމަޖެހިފައިވާ ދަތުރުފުޅެއްގައި ފަނޑިޔާރު އަބުދުﷲ ދީދީ މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ދީދީ ވަޑައިގެންނެވި ގައުމެއް ހާމަކޮށްފައެއް ނުވެއެވެ.
ފަނޑިޔާރު އަބުދުﷲ ދީދީގެ ވަކީލް ޝަމީމް އިތުރަށް ވިދާޅުވީ ދީދީ ބޭރަށް ވަޑައިގެންނެވީ ޖޭ.އެސް.ސީގެ ހުއްދަ އާއި އެކުގައި ކަމަށާއި، އެނބުރި ވަޑައިގަންނަވާނެ ތާރީހުވެސް ޖޭއެސްސީ އަށް އެނގޭނެ ކަމަށެވެ.
ފަނޑިޔާރު ބުދުﷲ ދީދީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މި މަހުގެ 12 ވަނަ ދުވަހުން ފެށިެގން ސަސްޕެންޑްކޮށްފައިވާއިރު އަބުދުﷲ ދީދީ ފުރާވަޑައިގެންފައި މިވަނީ، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދަނިކޮށެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަނޑިޔާރު ޑީޑީއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް ބުނެފައި ވާއިރު، ޖޭއެސްސީން ވަނީ އެމަނިކުފާނަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެން ޖޭއެސްސީ އަށް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރު ދީދީ އިއްޔެ ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ފަނޑިޔާރު ދީދީއަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން މިހާރު ޖޭއެސްސީން ތަހުގީގު ކުރަމުންދަނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އޭނާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެވެ. އެ މައްސަލައަކީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމަށް ރިޝްވަތު ނަގާފައިވާ ކަމަށް ކުރެވޭ ތުހުމަތެކެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފައެވެ. އެހެން ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ނިންމާފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ