ގާޒީ ނިހާންގެ ސަސްޕެންޝަން އުވާލައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ޞައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގައި 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ސަސްޕެންޝަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އުވާލައިފިއެވެ.މިކަން ހާމަކޮށްފައި ވަނީ ރޭ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީންއެވެ. އެގޮތުން ޒަހީން ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ޞައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ޖޭއެސްސީން ސަސްޕެންޑް ކުރި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިހާންގެ ސަސްޕެންޝަން އުވާލާފައިވާކަމަށެވެ.އޭނާ ވިދާޅުވީ އޭރު އެ ކޮމިޝަނުން ގާޒީ ނިހާން ސަސްޕެންޑް ކުރީ އެ މައްސަލައާ ގުޅިގެން ފުލުހުން ދިން މައުލޫމާތުގެ އަލީގައި ކަމަށާއި ނިހާން ސަސްޕެންޑް ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ނިހާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި ކަމަށެވެ.ނަމަވެސް ފަހުން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފް ކުރުމުން އެ ކޯޓުން އެ ހުކުމް ބާތިލުކުރި ކަމަށާއި ދެން އެ ކޮމިޝަނުން އިންތިޒާރުކުރީ އެ މައްސަލަގައި ޕީޖީ އޮފީހުން އަމަލުކުރާނެ ގޮތަކާ މެދު ކަމަށް ޒަހީން ވިދާޅުވިއެވެ. އަދި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމި ކަމުގެ ސިޓީއެއް މިހާރު ލިބިފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ. އެއާއެކު ނިހާން ސަސްޕެންޑް ކޮށްފައި ހުރި ހުރުން އުވާލުމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.މި މައްސަލާގައި ނިހާންގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާ 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެ ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. ނިހާންގެ ސަސްޕެންޝަން އުވާލި ނަމަވެސް އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ ސުލޫކީ މައްސަލަ ކުރިއަށްދާނެ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ