ތިން ހަފްތާ ވަންދެން އައްޑޫ އިން ކަރަންޓު ކަނޑާނެ: ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ ދެ މެގަ ވޯޓްގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުން ފެށިގެން މި މައްސަލަ ހައްލުކުރެވެންދެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކަ އިން މިއަދު އައްޑޫގެ ގެތަކަށް ފޮނުވި ލިޔުމެއްގައި ބުނީ މި މައްސަލަ ހައްލު ކުރެވެންދެން ކަރަންޓު ކަނޑާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކަމަށެވެ. އަދި ކަރަންޓު ކަނޑާފައި އޮންނާނީ އެއް ގަޑިއިރަށް ކަމަށްވެސް ފެނަކަ އިން ބުނެފައިވެއެވެ.
ފެނަކައިން ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ތިން ހަފްތާވަރު ވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ތިން ހަފްތާ ވަންދެން ކަރަންޓު ކަނޑަމުންގެންދާނެ ކަމަށެވެ.
އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތު ތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ