މޮރިޝަސް ކައިރިއަށް ތެޔޮ ބޭރުވާތީ، ތިމާވެށި ރައްކާތެރި ކުރަން ރައްޔިތުން ނުކުމެއްޖެ

ޕޯޓް ލުއީ (އޮގަސްޓް 10): މޮރިޝަސްގެ އައްސޭރިފަށުގެ ފަރަކަށް އަރާފައިވާ ބޯޓަކުން ތެޔޮ ބޭރުވަމުން ދިޔުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އެގައުމުގެ ރައްޔިތުން މަސައްކަތް ފަށައިފި އެވެ. މޮރިޝަސް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ޖަޕާނުގެ ތެޔޮ ބޯޓެއް ކަމަށްވާ އެމްވީ ވަކާޝިއޯ ފަރަށް އެރީ މިދިޔަ މަހުގެ 25ގަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ 4،000 ޓަނުގެ ތެލާ އެކު އެވެ. އެ ހާދިސާއާ ގުޅިގެން ބޯޓުގައި ތިބި 20 މީހުން ވަނީ ސަލަމާތްކޮށްފަ އެވެ. އޭގެ ފަހުން މޫސުން ގޯސްވެ، ބޯޓަށް ގެއްލުން ލިބުމުގެ ސަބަބުން އޭގެއިން މިހާތަނަށް 1،000 ޓަނުގެ ތެޔޮ ވަނީ ލީކުވެފަ އެވެ. އޭގެ ސަބަބުން، މޮރިޝަސްގެ ގޮނޑުދޮށަށާއި އެ ބޯޓު ކައިރީގައި އޮތް ކުޑަ 25 ހެކްޓަރުގެ ރަށަށް ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް އެގައުމުގެ ރައްޔިތުން ވަނީ އަމިއްލައަށް އިސް ނަގައިގެން މަސައްކަތް ފަށައިފަ އެވެ. އެގޮތުން ބޯޓު ކައިރީ އޮތް، ނޭޗާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށުން ކުދި ކަހަނބާއި އާއްމުކޮށް ނުފެންނަ ބާވަތްތަކުގެ ގަސްތައް ވަނީ މީހުން ދިރިއުޅޭ ރަށަށް ގެންގޮސްފަ އެވެ. އަދި ލީކުވަމުންދާ ތެޔޮ ފެތުރުން ހުއްޓުވުމަށްޓަކައި ރައްޔިތުން ވަނީ ހުރަސްތައް ހަދަން ފަށާފަ އެވެ. އޭގެ ތެރޭގައި އުއްދަނޑި ފަތްތައް އަޅައިގެން ހަދާފައިވާ ބަސްތާތައް ހިމެނެ އެވެ. މޮރިޝަސްގެ ރައްޔިތުން ވަނީ ތެޔޮ ފެތުރުން ކޮންޓްރޯލް ކުރުމަށް އެމީހުންނަށް ކުރެވެން އޮތް މަސައްކަތެއް ކުރަން ފަށާފަ -- ފޮޓޯ: އީޕީއޭ މީގެ އިތުރުން ބައެއް މީހުން ދަނީ ގޮނޑުދޮށް ސާފު ކުރުމުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެ މީހުން އެ މަސައްކަތްތަައް ކުރަނީ ތެޔޮ ސާފު ކުރުމުގެ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކަށް ދޫކޮށްލުމަށް ސަރުކާރުން އެދުނު ފަހުންނެވެ. "ރައްޔިތުންނަށް އެނގިއްޖެ އަމިއްލައަށް މަސައްކަތް ފަށަން ވެއްޖެ ކަން. އަހަރެމެން މިތާ މިތިބީ އަހަރެމެންގެ ކަނޑާއި އެއްގަމުގެ ދިރުންތައް ރައްކާތެރި ކުރުމަށް،" ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކްޓިވިސްޓު އަޝޮކް ސުބްރޮން ބުންޏެވެ. ފަރަށް އަރާފައިވާ ބޯޓުގެ އޮޕަރޭޓަރު މިޓްސުއި އޯއެސްކޭ ލައިންސް އިން ބުނި ގޮތުގައި ތެޔޮ ފެތުރުން ހުއްޓުވުމަށް އެމީހުންވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ކަނޑުގަދަ ވުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވި އެވެ. އެ ބޯޓުގައި ބާކީ ހުރި ތެޔޮ ނެގުމުގެ މަސައްކަތް ހެލިކަޕްޓަރަކުން މިހާރު ދަނީ ކުރަމުންނެވެ. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެ ބޯޓުން ތެޔޮ ލީކުވުމުގެ ސަބަބުން ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގްރީންޕީސް އެފްރިކާއިން ވަނީ ތެލުގެ ސަބަބުން އެތައް ހާސް ޖަނަވާރެއް ކަނޑަށް ފެތި، މޮރިޝަސްގެ އިގުތިސާދާއި ސިއްހަތާއި ކާބޯތަކެތީގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ. އެ ހާދިސާއާ ގުޅިގެން މޮރިޝަސްއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށް، ބައިނަލްއަގުވާމީ އެހީއަށް އެދިފަ އެވެ. އަދި ކަނޑު ތަޣައްޔަރުވުން ހުއްޓުވައިދޭ އާލާތްތަކާއެކު ފްރާންސުން އަސްކަރީ މަތިންދާބޯޓެއް ފޮނުވާފައިވާ އިރު ޖަޕާނުން ވަނީ އެ މަސައްކަތަށް އެހީވުމަށް ހަ މީހުން ހިމެނޭ ޓީމެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ