ޤައުމިއްޔަތާއި މިނިވަންކަމަށް ބުރޫއަރާނެ ކަމަކަށް ފުރުޞަތު ނުދެއްވާ: ރައީސް ޔާމީން

ދިވެހިރާއްޖޭގެ ޤައުމީ ވަންތަކަން ނުވަތަ ދިވެހި ޤައުމިއްޔަތަށާއި، މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި މެސެޖަކީ މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ބައްދަލުކުރައްވަން ވަޑައިގަތުމުން އެބޭފުޅުން މެދުވެރިކުރައްވައި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ދެއްވި ޚާއްޞަ މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ދިވެހިން ކިބައިން އެދިވަޑައިގަންނަވަނީ ޤައުމުގެ ޙައްޤުގައި ހުރިހާ ރައްޔިތުން ސާބިތުވެ ތިބުން ކަމުގައެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތާއި މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށްވެސް ރައީސް ޔާމީން އެދިވަޑައިގެންފައިވެއެވެ. އޭގެ އިތުރަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ޤައުމަށް އިޚުލާޞްތެރި ވަފާދާރު އެއްވެސް ބޭފުޅަކު ނެތް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ހުރިހާ ދިމާލަކުން ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު، އެއިން ކަމަކާ ކަންބޮޑުވެވަޑައިގަންނަވާ އެއްވެސް ލީޑަރެއް ސަރުކާރު ހިންގާ ކޯލިޝަނުގައި ނެތްކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން މި މެސެޖު ނޫސްވެރިންނާ ހިއްސާކުރެއްވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙުމަދެވެ. ޑރ.ޖަމީލު ވިދާޅުވި ގޮތުގައި އަލަށް މިހާރު ދަށު ކޯޓުގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް އުފުލަންޖެހޭވެސް ދައުވާއެއް ނޫން ކަމުގައެވެ. އޭގެ އިތުރަށް ޑރ.ޖަމީލު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތު އެމަނިކުފާނުގެ ޤާނޫނީ ޓީމަށް ލިބެނީ ވަރަށް ހާލުން ކަމުގައެވެ. އަދި މިދެ ދައުވާގައިވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމުގައި ޖަމީލު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްޗަށް ދަށު ކޯޓަށް މިހާރު ހުށަހަޅާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެއްގެ އިތުރަށް ރިޝްވަތުގެ ދައުވާއެކެވެ. އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި މިހާރުވަނީ ނިމިފައެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ