ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ދީފި

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދޭން ފަށައިފި އެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރި މީހުންގެ ތެރެއިން މިހާތަނަށް ފައިސާ ނުދީ ވަނީ ފުލުހުންނާއި ސިފައިންނަށް އެކަންޏެވެ. ފިނޭންސް މިނިސްޓްރީން އިން ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ އެލަވަންސް ލަސްވީ ކުރިން އެކުލަވާލި އުސޫލަށް ބަދަލު ގެންނަން ޖެހޭތީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއިން 6،518 މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ އިއްޔެ ވަނީ ޖަމާކޮށްފަ އެވެ. އެއީ 3،148 ފުލުހުންނަށް 20.5 މިލިއަން ރުފިޔާ އާއި 3،334 ސިފައިންނަށް 24 މިލިއަން ރުފިޔާ އެވެ.
މިއާއެކު މިހާތަނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވަނީ 78 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަން ހަމަޖައްސާފައި ވަނީ މާޗް ހަތަކުން ފެށިގެން މަސައްކަތް ކޮށްފައިވާ މީހުންނަށެވެ. އެގޮތުން ފައިސާ ދޫކުރުމުގައި ބަލާ ތިން ކެޓަގަރީއެއް މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.
އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ. މީގެ ތެރެއިން ހައި ރިސްކުގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހަކާ ނުވަތަ ހައި ރިސްކު މީހަކާ ނުވަތަ އެ މީހެއްގެ ސާމްޕަލްތަކާ ޑައިރެކްޓް ކޮންޓެކްޓުވާ މީހުންނެވެ. އަދި ހައި ރިސްކު މީހުންނާ އެކު މަސައްކަތް ކުރަން ޖެހޭ މީހުން މީޑިއަމް ރިސްކުގައި ހިމެނޭއިރު ލޯ ރިސްކުގައި ހިމެނޭނީ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކޮށްފައިވާ މީހުންނެވެ.
މި ކެޓަގަރީތަކަށް ފައިސާ ދިނުމުގައި ބަލާނީ މަސައްކަތް ކުރި ދުވަހުގެ އަދަދެށެވެ. އެގޮތުން ހައި ރިސްކު ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކު 500ރ. ލިބޭއިރު މީޑިއަމް ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 250ރ. އަދި ލޯ ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 200ރ. ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ