އައްޑޫއަށް ޕޮލިސް އެކެޑެމީ ބަދަލުކުރީ ވަޒީފާގެ ފުރުސަތު މަދުކަމުން: އުމަރު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އަޅަމުންދާ ފުލުހުންގެ ޓްރޭނިން އެކަޑެމީ އައްޑޫ ސިޓީ އަށް ބަދަލުކުރަން ނިންމީ ވަޒީފާގެ ފުރުސަތުތައް އެ ސިޓީގައި މަދުކަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މި މަރުކަޒު އެންމެ ފުރަތަމަ އަޅަން ނިންމީ ޅ.ދިއްފުށިމާދޫގައި ކަމަށްވާއިރު އޭގެފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓު ލ.އަތޮޅަށް ބަދަލުކުރުމަށް ވެސް ނިންމުނެވެ. މި ޕްރޮޖެކްޓު އައްޑޫ އަށް ބަދަލުކުރީ އުމަރުގެ މިނިސްޓަރުކަމުގައެވެ.
އެކަމާ ގުޅޭގޮތުން އުމަރު މިއަދު ވިދާޅުވީ އައްޑޫ އަށް އެ މަރުކަޒު ބަދަލުކުރަން ނިންމީ އައްޑޫ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދާދިނުމުގެ ގޮތުން ކަމަށެވެ.
"މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަނޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް.
ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް ކަމަށާއި މި ސަރުކާރު އައިފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމަށެވެ.
"ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން. ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން 8 އަހަރުވީއިރު އަދިވެސް މިއުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން. ތިޔަ މަރުކަޒު ބަލާލަން މީޑިޔާތަކަށް ދަޢުވަތު ދެއްވާ، އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން ތި މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ދެއްވުމަށް އިލްތިމާސްކުރަން. އަދި އެގްރީމެންޓް އަށް ބައެއް އިތުރު ކުރެވިފަވާނަމަ އެބައި ހާމަކޮށް ދެއްވުމަށް ވެސް ދަންނަވަން" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ 2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ބުނާ ބުނުން ވެސް ތަކުރާރުކޮށްފައެވެ. އަދި އިންޑިޔާ އާއި ޗައިނާގެ އުގަކަށް ރާއްޖެ ނުވެއްޓޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ