ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ހުކުރު ދުވަހު ހަވީރު ހެންވޭރު ދަނޑުގައި

ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުން ބާއްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2012" ހުކުރު ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ މި އިވެންޓަކީ 2011 ވަނަ އަހަރު ދިރާގާއި ކެއާ ސޮސައިޓީ ގުޅިގެން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ތައާރަފް ކުރި ސްޕޯޓްސް ފެސްޓިވަލެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންނާއި ކެއާ ސޮސައިޓީ ގުޅިގެން 2011 ވަނަ އަހަރު ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތައުލީމު ހާސިލުކުރަމުން އަންނަ ހުރިހައި ސްކޫލްތަކާއި ޖަމިއްޔާ ތަކާއި އެންޖީއޯ ތަކާއި ގުޅިގެން ތައާރަފް ކުރި ހާއްސަ ސްޕޯޓްސް މީޓެއް. މި ސްޕޯޓްސް މީޓުގެ މައިގަނޑު މަގުސަދަކީ، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްތާކުން އެ ހުރިހާ ކުދިންނަށް މަޖާކޮށްލުމުގެ އިތުރުން ކޮންމެ އަހަރަކުވެސް ސްޕޯޓްސް މީޓެއްގެ ސިފައިގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުން،" އިމްޖާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހުކުރުދުވަހު ހަވީރު ބާއްވަން ނިންމާފައިވާ ސްޕޯޓްސް ފެސްޓިވަލަކީ 2012 އަހަރުގައި ބާއްވަން ނިންމާފައިވާ ސްޕޯޓްސް މީޓް ކަމަށާއި އެހެން ކަމުން އަދި މިއަހަރު "2013 ވަނަ އަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް މީޓް އޮންނާނެ" ކަމަށެވެ.
"މިއަހަރު ތެރޭގައި މިހާރު އަޅުގަނޑުމެން ބޭއްވުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ފެސްޓިވަލަކީ، 2012 ވަނަ އަހަރު ބާއްވަން އަޅުގަނޑުމެން ހަމަޖެއްސި ފެސްޓިވަލެއް. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުންނާއި އަދި އޭގެ އިތުރުން ޑިސެމްބަރު ތެރޭގައި ސްކޫލް ބޮޑު ޗުއްޓީއެއް އައުމުގެ ސަބަބުން އަޅުގަނޑުމެންނަށް 2013 ވަނަ އަހަރަށް ފަސްކޮށްލަން ޖެހުނީ. އެގޮތުން 15 ފެބްރުއަރީ ވާ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ހެންވޭރު ދަނޑުގައި މިފަހަރުގެ ސްޕޯޓްސް ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ،" އިމްޖާދު އިތުރަށް ވިދާޅުވި އެވެ.
މިފަހަރުގެ ސްޕޯޓްސް ފެސްޓިވަލްގައި ތަފާތު ހަ ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވެފައި ވެއެވެ. އެއީ ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި ކެއާ ސޮސައިޓީއާއި އޯޓިޒަމް އެސޯސިއޭޝަންއާއި އެސޯސިއޭޝަން ފޯ ޑިސެބަލިޓީ އެންޑް ޑިވެލޮޕްމަންޓުގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަން އެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ކުޅެން ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ބެޓްން ރިލޭ، ދުވުން އަދި ފުންމުން ފަދަ ކުޅިވަރުތައް ހިމެނޭ އިރު އެ ސްޕޯޓްސް ފެސްޓިވަލްގައި އޮންނާނީ ވާދަވެރިކަމުގެ ބަދަލުގައި ކުދިންގެ ހުރި ހުނަރާއި ގާބިލްކަން ދައްކާ ދައްކާލުމެވެ.
ކެއާ ސޮސައިޓީގެ ޑިރެކްޓަރު ސިދާތާ ޝަރީފް ވިދާޅުވީ "ޖަމްއިއްޔާތަކުގެ މެދުގައި މިފަދަ ކަންތައްތަކަށް ކިތަންމެ ބޮޑަށް ކަންކުރުމުގެ ރޫހު ހުރި ކަމުގައިވީ ނަމަވެސް އަދި އެކަން ކުރުމުގެ ޝައުގުވެރިކަން ހުރި ކަމުގައި ވީނަމަވެސް ވިޔަފާރި ފަރާތްތަކާއި މުޖްތަމައުގައި ހަރަކާތްތެރިވާ ދިރާގުފަދަ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެފަރާތްތަކުގެ އެހީތެރި ކަމާއެކުގައި މެނުވީ މިފަދަ ކަންކަން ހަގީގަތަކަށް ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން" ކަމަށެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2012 ބައްލަވާ ލެއްވުމަށް މާދަމާ ހަވީރު ހަތަރަކުން ހަޔަކަށް ހެންވޭރު ދަނޑަށް ވަޑައިގަތުމަކީ ދިރާގާއި އަދި މި އިވެންޓުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ ވަރަށް ބޮޑު އެދިލެއްވުމެ ކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ