ގއ. ވިލިނގިލީ ދާއިރާގެ އަތޮޅު ކައުންސިލުގެ އިންތިހާބާއި ނަތީޖާ ބާތިލް ކުރި ނ. މިލަދޫ ކައުންސިލްގެ އިންތިހާބުގެ އިތުރަށް ނަތީޖާ އެއްވަރުވި ހަތަރު ރަށު ކައުންސިލްގެ އިންތިހާބު އަންނަ މަހު 15ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ނަތީޖާ އެއްވަރުވި ހަތަރު ކައުންސިލަކީ ށ. ފޭދޫ އާއި ހއ. މުރައިދޫ އާއި ގއ. ކޮނޑޭ އާއި ރ. މާކުރަތު ކަމަށެވެ. އެ ރަށްތަކުގެ ރަށު ކައުންސިލްގެ ފަސް ވަނައަށް ދިޔަ ކެންޑިޑޭޓުން އެއްވަރުވުމުން، ފަސް ވަނަ ކައުންސިލަރު ހޮވުމަށް އެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބު އަލުން ބާއްވާން ހަމަޖެހިފައިވާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ގއ. ވިލިގިލީ ދާއިރާގެ އަތޮޅު ކައުންސިލްގެ އިންތިހާބު 18 ޖެނުއަރީގައި ބާއްވަން އުޅުމަށް ފަހު ލަސްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގެ ސަބަބުން ނެވެ. މި އިންތިހާބުވެސް ފެބްރުއަރީ މަހުގެ 15 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ނ. މިލަދޫގެ އިންތިހާބު ބާތިލްކޮށްފައި ވަނީ އެރަށު ކައުންސިލްގެ އިންތިހާބުގައި ދެލި ފޮހެވޭ ގަލަން ބޭނުންކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމައި، އިންތިހާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން ނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި 72 އަންހެން ކައުންސިލަރުން ހޮވިވަޑައިގެންފައިވާ ކަމަށެވެ. އެއީ ކައުންސިލްތަކަށް އިންތިހާބުވި މީހުންގެ ހަ ޕަސެންޓެވެ. އިންތިހާބުވި 94 ޕަސެންޓަކީ ފިރިހެން ބޭފުޅުންނެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ޖުމްލަ 1100 ކައުންސިލަރުން ހޮވަން ބޭއްވި އިންތިހާބެކެވެ. އިންތިހާބުގައި ރަށު ކައުންސިލްތަކަށް 2147 ކައުންސިލަރުން ވާދަ ކުރި އެވެ. އަދި އަތޮޅު ކައުންސިލް ގޮނޑިތަކަށް 275 މީހަކު ވާދަކުރި އެވެ. އަދި މާލެ އާއި އައްޑޫ ސިޓީއަށް 19 ގޮނޑިއަށް 41 މީހަކު ވަދަ ކުރި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން 901 ކެންޑިޑޭޓުން ވާދަ ކުރި އެވެ. ސަރުކާރު ހިންގާ ޕީޕީއެމުން 637 ބޭފުޅަކު ވާދަކުރިއިރު، އެމްޑީއޭއިން ކައުންސިލް އިންތިހާބަށް 95 ކެންޑިޑޭޓަކު ވާދަކުރި އެވެ. އަދި ޖޭޕީން 302 ކެންޑީޑޭޓަކު ވާދަ ކުރިއިރު، އަދާލަތުން ކައުންސިލް އިންތިހާބަށް ނުކުތީ 82 ކެންޑިޑޭޓުންނެވެ.
ކައުންސިލް އިންތިހާބުގައި 464 ވޯޓު ފޮށި ބެހެއްޓި އެވެ. އެއީ މާލޭގެ ރަށްވެހިންނަށް މާލޭގައި ބެހެއްޓި 50 ފޮއްޓާއި މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ބެހެއްޓި 68 ފޮއްޓާއި ރިސޯޓުތަކުގައި ބެހެއްޓީ 28 ފޮއްޓާއި ޖަލުތަކުގައި ފަސް ފޮއްޓާއި ރާއްޖެއިން ބޭރުގައި ބެހެއްޓި ހަ ފޮށީގެ އިތުރަށް ސިނާއީ ރަށްތަކުގައި ބެހެއްޓީ ތިން ފޮއްޓެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި 304 ވޯޓު ފޮށި ބެހެއްޓި އެވެ.
ވިލިގިލީ ދާއިރާގެ އަތޮޅު ކައުންސިލާއި ފަސް ރަށު ކައުންސިލެއްގެ އިންތިހާބު އަންނަ މަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ