ޕްރައިމަރީ ކާމިޔާބުކޮށް، މަނަދޫ ދާއިރާގެ އެމްޑީއޭ ޓިކެޓް އުމަރު ކަށަވަރުކޮށްފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މަޖިލިސް ޕްރައިމަރީގައި މަދަނޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި، ސަރުކާރު ކޯލިޝަންގެ ފަރާތުން، އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށް މާލެ ދަފްތަރު 4824، އުމަރު ހުސައިން ހޮވިވަޑައިގެންފި އެވެ.
މަނަދޫ ދާއިރާގެ ޕްރައިމަރީ އުމަރު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ނ. މާފަރާއި ނ. މަނަދޫ އާއި ނ. ލަންދޫގެ އިތުރުން މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލީ މީހުންގެ 51 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. ޕްރައިމަރީގައި ވޯޓުލީ 595 މީހުންނެވެ. އުމަރަށް ލިބިވަޑައިގެންނެވީ 305 ވޯޓެވެ. އޭނާއާ ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވީ ނ. ލަންދޫ، މާހާ، މުހައްމަދު އަބްދުﷲ އެވެ. އޭނާ ލިބިވަޑައިގެންނެވީ 282 ވޯޓެވެ. ބާތިލް އަށް ވޯޓު ޕްރައިމަރީގައި ލާފައިވެ އެވެ.
އެމްޑީއޭގެ މަޖިލިސް ޕްރައިމަރީގައި ތިން ބޭފުޅަކު ވާދަ ކުރައްވަން ހުށަހެޅުއްވި އެވެ. ނަމަވެސް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އަބްދުﷲ ސުޖާއު ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.
ސަރުކާރު ކޯލިޝަންގެ ފަރާތުން އެމްޑީއޭއިން މަޖިލީހުގެ ނުވަ ގޮނޑިއަކަށް ވާދަ ކުރާނެ އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީއޭއިން ނުކުންނާގެ ހަ ބޭފުޅުން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ މީދޫ ދާއިރާއަށް އެމްޑީއޭގެ ލީޑަރު އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކުޑަހުވަދޫ ދާއިރާއަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު އާމިރާއި ކެނދިކުޅުދޫ ދާއިރާއަށް އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފާއި ހޯރަފުށީ ދާއިރާއަށް މުހަންމަދު އިސްމާއިލެވެ. މައުރޫފާއި މުހައްމަދު އިސްލާއިލަށް ޕާޓީގެ ޓިކެޓް ކަށަވަރުވީ އެ ދެ ދާއިރާއަށް އިތުރު ބޭފުޅަކު ވާދަ ނުކުރެއްވުމުންނެވެ.
ޕްރައިމަރީ ބާއްވައިގެން ޓިކެޓް ކަށަވަރުވި ބޭފުޅުންނަކީ ވެލިދޫ ދާއިރާއަށް އަލީ ފާރިޝާއި މަނަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އުމަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ