ރިޔާސީ އިންތިހާބު 2008: އިސްލާހު ގެނައީ އިދިކޮޅު ފަރާތްތަކުން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ލީގަލް ރިފޯމް މިނިސްޓަރު ވަރަށް ބޮޑަށް ފާޑު

ރާއްޖެ އަށް ސިޔާސީ އިސްލާހީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވީ ރައީސް މައުމޫނުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ކަމަށް ބުނެ އެމީހުން ދައްކާ ވާހަކަތަކަށް އިންފޮމޭޝަން އެންޑް ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލްގައްޔޫމް ކެމްޕޭން ކުރެއްވުމަށް ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިސްލާހަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވީ ރައީސް މައުމޫން ކަމަށާއި އެ މަނިކުފާނު އެކަމަށް ފުރުސަތު ނުދެއްވި ނަމަ ރާއްޖެ އަށް އެއްވެސް މީހަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
"މި ހަގީގަތް ފުރޮޅާލަން އުޅެގެން އެއްގޮތަކަށް ވެސް ފުރޮޅައެއް ނުލެވޭނެ. އެވާހަކަ އަޅުގަނޑު ކޮންމެ ދުވަހަކު ކޮންމެ ދިމާލެއްގައި ވެސް ގޮވާނަން. އެކަމާ ހެދި ބަޔަކު ހިތްހަމަނުޖެހެންޏާ ހިތްހަމަނުޖެހި ހުރޭ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ތެރޭގައި އިހަކަށް ދުވަހު ބަޔަކު އެދޭ ގޮތަށް ދާންވެގެން ބޭއްވި ޖަލްސާއެއްގައި ފުރަތަމަ ވާހަކަ ދެއްކަން ތެދުވެވަޑައިގެންނެވި ބޭފުޅާ ވިދާޅުވީ މި މާލަމުގެ ތެރޭގައި މިރޭ މި ތިއްބެވީ ރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރައްވާ އެންމެ އަލިގަދަ ތަރިތަކޭ. އެކަމަކު އެތަނުގައި އަޅުގަނޑުމެންނަށް ފެންނަން މި ތިބީ ރައްޔިތުންގެ ކުރިމައްޗަށް ރިޔާސީ އިންތިހާބެއްގައި ނުކުމެވަޑައިގެން ވަރަށް ދެރެ ގޮތްތަކެއް ދިމާވި ބޭފުޅުން. އެތާނގައި ހުންނެވި އެންމެ އަލި ގަދަ ތަރިއަށް ލިބިވަޑައިގަތީ އެންމެ 25 ޕަސެންޓް ވޯޓް. ދެން އެއަށް ވުރެ އަލިގަދަ ކަމަށް ބުނާ ބޭފުޅާ އަށް ލިބުނީ 17 ޕަސެންޓް ވޯޓް. ދެން ލިބުނީ ވަރަށް އުނދަގުލުން ލިބިވަޑައިގެންވި 15 ޕަސެންޓް ވޯޓް. ސިޔާސީ ގޮތުން އިސްލާހަށް މަސައްކަތްކުރާ، ގައުމަށް އިސްލާހު ގެނައުމަށް މަސައްކަތްކުރާ މީހުން ރިޔާސީ އިންތިހާބެއްގައި ކުރިމަތިލައިގެން ދިވެހި ރައްޔިތުން ވަނީ އެމީހުން ސަފުން ބޭކާރުކޮށްފައި. އެމީހުން އެތިބީ ޕޮލިޓިކަލީ އީކުއޭޝަނުން ބޭރުވެފައި މިހާރު."
ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގަތުމުން މިހާރު ކުރައްވާ ކަމަކީ އިއްތިހާދުގެ މައްޗަށް އިއްތިހާދު ހަދައި ހުރިހާ ނަތީޖާ އެއްކުރައްވަނީ ކަމަށެވެ.
"ދެން މި ހަދާ ގޮތަކީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހުރިހާ އެއްޗެއް އެއްކުރައްވަނީ. ރައްޔިތުން ތިބި ފަޅިއޭ ވިދާޅުވެ އެ ދުވަހު މި އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންނަށް ފުރުސަތު އޮތޭ ހަގީގަތުގައި ވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމަށްވާ ނަމަ ރައްޔިތުންގެ ވޯޓުން އެ ދުވަހުން އެ ދުވަހަށް ހޮވިގެން ގޮސް ގޮނޑީގައި އިށީންނަން،" ނަޝީދު ވިދާޅުވި އެވެ. "އެކަމަކު އެކަމެއް ނުވިއޭ. އަޅުގަނޑު ބަލަން ބޭނުމޭ އެތާނގައި ތިބީ ކިތައް ބޭފުޅުންތޯ އިސްލާހަށް މަސައްކަތް ކުރެއްވި."
އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖެ އަށް ގެންނެވި އިސްލާހަކީ ކޮބައި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަޅުގަނޑުމެންގެ އިސްލާހީ ޕްރޮގްރާމަށް ކޮން ކަމެއްތޯ ކޮށްދެއްވީ؟ އަޅުގަނޑު އަހަން ބޭނުން. އިހަކަށް ދުވަހު ރާއްޖެ ވަޑައިގަތީ. އެންމެ މުހިއްމު ވަގުތުތަކުގައި ރާއްޖެއަކު ނޫޅުއްވާ. މަގާމެއް ހުސްވާއިރަށް ރާއްޖެ އަށް ވަޑައިގަންނަވާ. މަގާމު ލިބޭނެކަން ޔަގީންނުވުމުން އަނބުރާ ރާއްޖެ ދޫކުރައްވާ،" ނަޝީދު ވިދާޅުވި އެވެ. "މިތާނގައި ގޭނިގެން، ފިހެވިގެން، ތެލުލެވިގެން ހުރިހާ ކަމެއް ކުރި މީހުންނަކީ އަޅުގަނޑުމެން. ދެން މި ބުނަނީ ތިމަންނަމެންނަކީއޭ އިސްލާހަށް މަސައްކަތް ކުރާ މީހުންނަކީ. އެބޭފުޅާ (ޑރ. ވަހީދު) އަކީ އިސްލާހަށް އެއްވެސް މަސައްކަތެއް ކުރައްވާފައިވާ މީހެއް ނޫން."
ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމް އިބްރާހީމަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ބޭފުޅާ އަކީ އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވާއިރު އޭނާ އަށް މިހާރު ވަޑައިގެންފައި ހުރި ހިސާބަށް ވެސް ވަޑައިގަނެވުނީ ރައީސް މައުމޫނުގެ ސަބަބުން ކަމަށެވެ.
"އެކަމަކު އޭނާ ވިދާޅުވަނީ އާއިލީ ވެރިކަން ނިމުމަކަށް ގެނެސް މި އަނިޔާވެރި ވެރިކަމުން ސަލާމަތްކުރަން. މިހެން ބުނާއިރުގައި މީނަ މިހާ ހިސާބަށް މިއައީ މިވެރިކަމުގެ ތެރެއިން،" ނަޝީދު ވިދާޅުވި އެވެ. "މިއަދު ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދި އެއް މަހުޖަނުގެ ގޮތުގައި އުޅެމުން ދަނީ މި ވެރިކަމުގެ ތެރެއިން ލިބުނު ފައިދާގެ ތެރެއިން. އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގެންނެވިއިރު އޮތީ ފަސް ރިސޯޓް ސީދާ އޭނާއާ ގުޅޭ. އެކަމަކު މިހާރު އޭނާ އެތަނުން ނުކުމެވަޑައިގެންނެވިއިރު އޭނާއާ ގުޅޭ ކިތައް ރިސޯޓް އޮތްތޯ ބައްލަވާލައްވާ. އެހެންވެ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިވެރިކަން ބަދަލުކުރުމަށް އެދި ދުއާކޮށް އާދޭސްކުރާ ބޭފުޅަކީ އިސްލާހަށް މަސައްކަތްކުރާ މީހެއް ކަމަކަށް. އޭނާ ހުރިހާ ފައިސާއެއް ހޯއްދަވާފައި ވަނީ ހަމަ މިވެރިކަމުގެ ތެރެއިން."
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެޓާނީ ޖެނެރަލްކަމުގެ މަގާމުގައި ޑރ. ހަސަން ސައީދު ހުންނެވިއިރު ޑރ. ހަސަން ކުރައްވަން ޖެހޭ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރައްވާފައި ވަނީ އޭނާ ކަމަށެވެ. އަދި ޑރ. ހަސަނާއި ޖަސްޓިސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރު ދޫކުރައްވައި ވަޑައިގަތުމުން އެބޭފުޅުން ނެތް ތަންތަނުގެ ހުސް ތަން އެންމެ ބޮޑަށް ފުރުއްވީ ވެސް ނަޝީދު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މި ހިސާބަށް އަޅުގަނޑުމެންގެ ކަންކަން އައީމާ އަޅުގަނޑުމެން އިސްލާހަށް މަސައްކަތްކުރާ ބަޔަކަށް ވެސް ނުވޭ. ރައްޔިތުންނާ އެކު މަސައްކަތްކުރާ ބަޔަކަށް ވެސް ނުވޭ. ހުރިހާ ކަމެއް ވެސް ކުރެވޭ ބޭފުޅުންނަކީ އެއީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކައިގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނާ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ފާޑުވިދާޅުވަމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އޭނާ އަށް ވޯޓް ދިން މީހުން އޭނާ ހޮވީ އޭނާގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ކުރެވޭނެ ކަމަށް އިތުބާރުކޮށްފައި ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާ އިއްތިހާދު ހަދައިގެން ތަފާތު މެނިފެސްޓޯތަކެއް ގެންގުޅުއްވި މީހުންނާ ގުޅިގެން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ހެދޭ މަކަރެއް ކަމަށެވެ.
"މި ދެންނެވި އިތުބާރު ރައްޔިތުންގެ ފަރާތުން ހާސިލް ކުރެއްވުމަށް ފަހު އޭނާ އެ މެނިފެސްޓޯގައިވާ ކަންތައްތައް ފަސް އަހަރު ދުވަހަށް ރައީސް ކަމުގެ މަގާމު ލިބުނީމާ ކޮށްދެއްވާނެ ކަމަށް އެއްބަސްވުމަށް ފަހު މިހާރު އެ ދައްކަވަނީ އެހެން ވާހަކައެއް. ދެން މިހާރު އެދައްކަނީ ބަޔަކު އެދޭ ގޮތަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ."
ނަޝީދު އިތުރަށް ވިދާޅުވީ އަންނި އެގޮތަށް މިހާރު ދައްކަވާ ވާހަކަތަކުން ސާބިތުވަނީ ވެރިކަން ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ނެތްކަން ކަމަށާއި މެނިފެސްޓޯ އަށް ބަދަލު ގެންނެވީ އެތައް ބަޔަކު އެއަށް ވޯޓް ދީފައި ވަނިކޮށް ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލުން އިންތިހާބެއް ބާއްވާނެ ކަމަށް ބުނާ ވާހަކަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުފަ އެވެ. އަދި އެއީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ވަރަށް ތަފުސީލުކޮށް އޭނާ ހާމަކޮށްދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ