ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަށް ފަހު ކޯޓުގެ އަމުރާ ގުޅިގެން އަލުން ކެންޑިޑެސީ ދިން ދެ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ކެންޑިޑޭޓެއްގައި ހުންނަންޖެހޭ ކަމަށް ބުނާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަނުވާކަން ސާބިތުވެ، އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅި ދެ ކެންޑިޑޭޓުންނަކީ އއ. ހިމަންދޫ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި އެރަށު ޖަވާހިރުވާދީ އަސީތު ތައުފީގާއި އއ. ބޮޑުފޮޅުދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި އެ ރަށު ބަހާރީގޭ އަބްދުލް ބާރީ އެވެ.
އަސީތު ތައުފީގަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅީ އޭނާ އަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ވާތީ އެވެ. ކޯޓުން ބުނީ އައުޓްބޯޑް އިންޖީނެއް ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ 1 އަހަރާއި 11 މަސް ދުވަހަށް އަރުވާލަން ކުރި ހުކުމެއް ތަންފީޒުކޮށްފައިވާ އަސީތުގެ މައްޗަށް ހައްދު ގާއިމުކޮށްފައި ނުވިޔަސް އޭނާ ކުރި ކުށަށް ބަދަލެއް ނާންނަ ކަމަށާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވާ ކަމަށެވެ.
އަބްދުލް ބާރީއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1994 ވަނަ އަހަރު އޭރުގެ ކޯޓު ނަންބަރު 3 އިން އޭނާގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވާތީ އެވެ. އޭނާގެ މައްޗަށް ސާބިތު ވެފައި ވަނީ 20،000ރ. އަށް ވުރެ މަތީގެ އަދަދަކަށް ހިޔާނާތްތެރިވުމެވެ.
އިންތިހާބާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބުނަނީ އިންތިހާބަށް ކުރިމަތިވާ މީހަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
އަސީތުގެ ނަން އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރުމުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކުރިން ހުކުމްކޮށްފައި ވަނީ ކެންޑިޑެސީ ބާތިލުކުރީ ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިދޭ 48 ގަޑިއިރު ފަހުން ކަމަށް ވާތީ އޭނާގެ ކެންޑިޑެސީ ބާތިލު ނުވާނެ ކަމަށެވެ. އަދި އެ 48 ގަޑި އިރުގެ ފަހުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅޭނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެގޮތަށް ދިމާވެފައިވާ ބައެއް ކެންޑިޑޭޓުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ދެ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ