ރިޔާސީ އިންތިހާބުގައި ގައުމީ އިއްތިހާދުން ކެންޑިޑޭޓެއް ނުކުންނާނެ: ޑރ. ހަސަން

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމުގެ ކެންޑިޑޭޓެއް ނުކުންނާނެ ކަމަށާއި، އެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާ ވާދަކުރައްވައި އެމަނިކުފާނު ބަލި ވެސް ކުރައްވާނެ ކަމަށް އިންތިހާބުގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ކެންޑިޑޭޓެއް ހުންނާނެ. އިއްތިހާދު ވެސް ދެމިއޮންނާނެ. ފަހަރެއްގައި މިހާރު މި އޮތް ފޯމުގައި އިއްތިހާދު ނޯވެދާނެ. އެކަމަކު މިހާރުގެ ފޯމުގައި ނެތަސް، މިހާރު މި އޮތް 100 ޕަސެންޓުން 80 ޕަސެންޓުގައި އިއްތިހާދު ދެމި އޮންނާނެ. އެ އިއްތިހާދުން ކެންޑިޑޭޓަކު ނުކުންނާނެ. އެ ކެންޑިޑޭޓަކު، ރައީސް މައުމޫން ބަލިވެސް ކުރާނެ،" ޑރ. ހަސަންގެ ރިޔާސީ މެނިފެސްޓޯ ހާމަކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވި އެވެ.
ރާއްޖެ ޗެމްބާސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ސަރުކާރުގެ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ވިދާޅުވީ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތައް ގުޅިގެން އުފައްދާފައިވާ ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުން ނުވަތަ ގައުމީ އިއްތިހާދުގެ ފުރަތަމަ ބައްދަލުވުން ނުވަތަ ދެވަނަ ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި އިއްތިހާދުގެ ނަމުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ބޭފުޅުން ތާއީދުކޮށް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
"އިއްތިހާދުގެ ވަރަށް މުހިންމު އެއް ޕާޓްނަރު ކަމަށްވާ އަދާލަތު ޕާޓީން ވަރަށް ސާފުކޮށް ވިދާޅުވެފައި އެ އޮތީ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ތާއީދުކުރާނީ ކެންޑިޑޭޓުންގެ މެނިފެސްޓޯ ބެލުމަށް ފަހުގަ އޭ. އެހެންވީމަ އަދާލަތު ޕާޓީއަށް ވެސް އަދި އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް، އިއްތިހާދުގެ ފަރާތުން ނެރޭނީ ކޮން ކެންޑިޑޭޓެއްކަން ވެސް ނިންމޭނީ ކޮންމެ ކެންޑިޑޭޓެއްގެ ހުށަހެޅުންތައް ފެނިގެން އެ ބަލައި ދިރާސާކުރުމަށް ފަހު. އެހެންވެ ވަރަށް މުހިންމުކަން ނޭނގެ އިއްތިހާދުގެ ފަރާތުން ކުރިމަތިލައްވަން ގަސްދު ކުރައްވާ ބޭފުޅުންގެ މެނިފެސްޓޯ އާންމުންނާ ހިއްސާ ކުރެއްވުން. އޭގެ ފަހުން ކަން ނޭނގެ އިއްތިހާދުގެ ކެންޑިޑޭޓެއްގެ މަރުހަލާ މި އަންނަނީ،" ޑރ. ހަސަން ވިދާޅުވި އެވެ.
ގައުމީ އިއްތިހާދުގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުންދިޔަ ނަމަވެސް، އެ އިއްތިހާދުގެ އިސް މެމްބަރެއް ކަމަށްވާ އެމްޑީޕީގެ ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ ދާދި ފަހުން ޑރ. ހަސަނަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އިއްތިހާދުގެ ގުޅުން ހީނަރުވާން ފަށާފައިވާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އިއްތިހާދުގެ ތަރުޖަމާން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވެސް ވިދާޅުވެފައި ވަނީ ޒަކީގެ ވާހަކައިގެ ސަބަބުން އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތްތައް ހަނިވަމުންދާނެ ކަމަށެވެ.
އިއްޔެގެ ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ. ހަސަން ވެސް ވިދާޅުވީ ޒަކީގެ ވާހަކައަށް އިހުތިރާމްކުރައްވާ ކަމަށާއި އެހެން ނަމަވެސް އިއްތިހާދުގެ އެހާ އިސްބޭފުޅަކަށް ހުންނަވައިގެން އެފަދަ ވާހަކައެއް ވިދާޅުވީތީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
"އެއީ އިއްތިހާދަށް ލޮޅުމެއް އަރާ ކަމަކަށް ވާތީ. އެހެނަސް ފަރުދެއްގެ ހައިސިއްޔަތުން ސިޔާސީ މާހައުލެއްގައި އެފަދަ ހިޔާލެއް ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިހުތިޔާރު ޒަކީ އަށް އޮންނަން ޖެހޭނެ. ވޭތުވެދިޔަ 30- 40 އަހަރުގެ ތާރީހަށް ބަލާފައި މިނިސްޓަރަކަށް ހުރެގެން އަޅުގަނޑު އެ ގެނައި ބަދަލުތައް ގެނައި އެެހެން މީހަކު ދުނިޔެއިން ދައްކަން ޒަކީ އަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް އަޅުގަނޑު ޗެލެންޖްކުރާނަން. މި ގައުމުގައި ސިޔާސީ ޕާޓީތައް ތައާރަފުކުރުން. ހިޔާލުފާޅުކުރުމުގެ މިނިވަންކަން. ޖަލުތަކުގެ ހާލަތު ދުނިޔެއަށް ހުޅުވާލުން. ގާނޫނު އުގޫބާތް އެއީ ރާއްޖޭގައި ކިތައް މީހުން މަސައްކަތް ކޮށްގެން ވެސް ނުކުރެވި އޮތް ކަމެއްތޯ؟ އަޅުގަނޑު ކޮންމެހެން ނުޖެހޭ ޒަކީ އަދި އެހެން ބޭފުޅަކާ އެކު ވެސް ސިޔާސީ ވާދަވެރިކަމުގެ ބަހުސެއްގައި އުޅޭކަށް. މަގާމާއި ބޮޑެތި މުސާރަ ދޫކޮށްފައި ވަޒީރުންގެ މަޖިލީހުން ނުކުންނަން ޖެހުނީ ކީއްވެގެންކަން ބުނެދޭނެ ކެރުނު ކިތައް ވަޒީރުން އެބަތިބި ތޯ؟ މިއީ ޒަކީ އަށް ދޭން އަޅުގަނޑު ބޭނުންވާ ޖަވާބަކީ،" ޑރ. ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ