ފުނައްޑޫ އިން ބީއެމްއެލް އަށް 117 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދައްކާ އޮތް 117 މިލިއަން ރުފިޔާ ދެއްކުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ފުނައްޑޫ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަންނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
ފުނައްޑޫގެ ފަރާތުން ބީއެމްއެލް އިން ނަގާފައި ފަސް ލޯނެކެވެ. އެއީ 35،980،000ރ. ގެ ޑިމާންޑް ލޯނަކާއި 3،500،000 ޑޮލަރުގެ ޑިމާންޑް ލޯނަކާއި 10،280،000ރ. ގެ އޯވާ ޑްރާފްޓް ފެސިލިޓީއަކާއި 12،000،000ރ. ގެ އޯވާ ޑްރާފްޓް ފެސިލިޓީއަކާއި 1،200،000 ޑޮލަރުގެ އޯވާ ޑްރާފްޓް ފެސިލިޓީއެކެވެ.
އެ ލޯނު ތަކުގެ ތެރެއިން މަދު ފައިސާއެއް ފުނައްޑޫ އިން ވަނީ އަނބުރާ ދައްކައިފަ އެވެ. އެ ލޯނުތަކުގެ ތެރެއިން 35،980،000ރ. ގެ ލޯނަށް 32،641،081ރ. ދައްކަންޖެހި ނުދައްކާ އޮތްއިރު 3،500،000 ޑޮލަރުގެ ލޯނަށް 3،137،911 ޑޮލަރު ދައްކަންޖެހި ނުދައްކާވެ އެވެ. އަދި 10،280،000ރ. އާއި 12،000،000ރ. ގެ ލޯނަށް 26،590،653ރ. ދައްކަންޖެހި ނުދައްކާ އޮތްއިރު 1،200،000 ޑޮލަރުގެ ލޯނަށް 1،438،755 ޑޮލަރު ދައްކަންޖެހި ނުދައްކާވެ އެވެ.
ދައްކަންޖެހި ނުދައްކާ ވަނީ ޖުމްލަ ،942،891 117ރ. އެވެ. ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އެ ފައިސާ އާއި އިންޓްރެސްޓާއެކު ދެއްކުމަށެވެ. ދެއްކުމަށް ހުކުމް ކޮށްފައި ވަނީ ފެބްރުއަރީ ،7 2010 ގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ރަހުނު ކޮށްފައިވާ ތަކެތި ބީއެމްއެލަށް ދިނުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ. ރަހުނު ކޮށްފައި ވަނީ ވަނީ ރީތި ބީޗް ރިސޯޓާއި "މަޑިވަރު- 3" ޔޮޓެވެ.
ގެރެންޓީ ދީފައިވާ ފަރާތްތައް ވެސް އެ ދަރަންޏަށް ޒިންމާވާންޖެހޭނެ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މ. ރަފީގުގޭ، އަހުމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ