އަބްދުﷲ ގާޒީގެ މައުލޫމާތު ހޯދުމަށް ކޮމަންވެލްތަށް ހުށަހަޅައިފި

ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ސިފައިން ހައްޔަރުކޮށް ގިރިފުށީގައި ބަންދުކޮށްފައި ހުރި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ މައުލޫމާތެއް ވީ އެންމެ އަވަހަކަށް އަންގައިދިނުމަށް އެދި އަބްދުﷲ ގާޒީގެ ވަކީލު މައުމޫން ހަމީދު، ކޮމަންވެލްތަށް އީ-މެއިލެއް ފޮނުއްވައިފި އެވެ.
މައުމޫން ހަމީދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ އަށް އިއްޔެ ފޮނުއްވި އީ-މެއިލެއްގައި އެދިވަޑައިގެންފައިވަނީ، އަބްދުﷲ ގާޒީގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ވީ އެންމެ އަވަހަކަށް ލިޔުމަކުން އަންގަވައިދިނުމަށެވެ. އަދި މި ގޮތަށް އެދިވަޑައިގަތީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުން، އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވައިލި ފަހުން މިއަދާ ހަމައަށް ވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ވަކީލުންނަށް ދީފައިނުވާތީ ކަމަށް ވެސް އެ އީމެއިލްގައިވެ އެވެ.
"ހަވީރަ"ށް ވާހަކަދައްކަވަމުން މައުމޫން ވިދާޅުވި ގޮތުގައި އީމެއިލް ފޮނުއްވަން ޖެހުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދުމަށް އެދި ދިވެހި ސަރުކާރުން ކޮމަންވެލްތުގައި އެދުނު އެދުމަށް އެ ޖަމާއަތުން ޝުކުރު އަދާކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނާ ގުޅިގެންނެވެ. ސަރުކާރުން އެދުނު އެދުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މުއާމަލާތުކުރަމުންދާ ކަމަށް ކޮމަންވެލްތުގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އަބްދުﷲ ގާޒީގެ ވަކީލުންނާ އެކު ކޮމަންވެލްތުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޮމަންވެލްތުން އެ ބަޔާން ނެރެފައިވަނީ އަބްދުﷲ ގާޒީގެ މިހާރުގެ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. ޝަރުމާ އަށް ފޮނުއްވި އީ-މެއިލެއްގައި މައުމޫން ހަމީދު ވިދާޅުވެފައިވަނީ ކަމުގެ އަހުމިއްޔަތު ކަމަށް ރިއާޔަތްކުރެއްވުމެއް ނެތި އެފަދަ ބަޔާނެއް ނުރުއްވީތީ ހިތާމަކުރައްވާ ކަމަށެވެ.
"ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާ ވާހަކަ، މަތީ ފެންވަރުގައި ވިޔަސް ކޮންމެ ފެންވަރެއްގައި ވިޔަސް ވިދާޅުވާ އިރު، އަބްދުﷲ ގާޒީއާ ވާހަކަ ދައްކަވައިފިންތޯ އެއްވެސް މުއާމަލާތެއް ކުރައްވައިފިންތޯއޭ އަޅުގަނޑުގެ ސުވާލަކީ؟ ނުކުރައްވާ ނަމަ، އަބްދުﷲ ގާޒީގެ ވަކީލުގެ ހައިސިއްޔަތުން ގައިމުވެސް އަޅުގަނޑަކާ ވާހަކައެއް ނުދައްކަވާ. އެހެންވީމާ ކިހިނެއްތޯއޭ އެމަނިކުފާނާ ވާހަކަ ނުދައްކަވާ އިރު، ކަމާ ބެހޭ ފަރާތްތަކާ ތިމަންނާމެން މުއާމަލާތުކުރައްވަމޭ އެ ވިދާޅުވަނީ. އެއީ ކަމާ ބެހޭ ފަރާތަކަށް އަބްދުﷲ ގާޒީ ނުވެ މި ކަމުގައި ނުދާނެ ނޫންތޯ،" މައުމޫން ވިދާޅުވި އެވެ.
ޕަޕުއާ ނިއުގިނީގައި ހިނގަމުންދާ ސިޔާސީ ކަންތަކުގައި އެ ގައުމުގެ ސިފައިން ބޭނުންކުރަމުންދާ މައްސަލައިގައި، ޖެނުއަރީ 27 ގައި ކޮމަންވެލްތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދާޚިލީ ސިޔާސީ ކަންތަކަށް އަސްކަރިއްޔާ ބޭނުންކުރާތީ އެއްވެސް ޝަރުތަކާ ނުލައި ކޮމަންވެލުތުން އެކަން ކުށްވެރިކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ދައުވަތު ލިބުމުން ކޮމަންވެލްތުން އެކަމަށް ޝުކުރުއަދާކުރި އިރު، ރާއްޖޭގެ އަސްކަރިއްޔާ ބޭނުންކޮށްގެން ގާޒީއަކު ހައްޔަރުކުރި ކުރުމާ މެދު ކޮމަންވެލްތުން އެއްޗެއް ނުބުނީތީ ހިތާމަކުރައްވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން މިއަދަށް 20 ދުވަސްވެފައިވާ އިރު، އޭނާގެ އާއިލާއާ އަދި ވަކީލަކާ ވެސް ބައްދަލުކުރުމުގެ ފުރުސަތު ސިފައިން ދީފައެއް ނުވެ އެެވެ. އަދި ސިފައިން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ވަގުތުން އޭނާ މިނިވަންކުރުމަށް ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ސިފައިންގެ މައްޗަށް އަމުރުކޮށްފައިވީ ނަމަވެސް، ސިފައިން އެ އަމުރަށް ބޯލަނބާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ