މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް އިޒްރޭލުން ފައިސާ ދޭ ކަމަށް އުމަރު ތުހުމަތުކުރައްވައިފި

ސަރުކާރަށް ކަމެއް ބޮޑުވުމުން އެކަން އިޒްރޭލު ސަރުކާރަށް އަންގާލުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް އިޒްރޭލުން ފައިސާ ފޮނުވާ ކަމަށް އުމަރު ނަސީރު ތުހުމަތުކުރައްވައިފި އެވެ.
ކުއްލިއްޔާ އުވާލުމާ ދެކޮޅު ހެދުމަށް ބުދަ ދުވަހުގެ ރޭ ޑީއާރުޕީން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އައިޑީޕީގެ ލީޑަރަކަށް ހުންނެވުމަށް ފަހު މިހާރު ޑީއާރުޕީގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ އެ ޕާޓީގެ އިންތިހާބުވެފައިވާ ނައިބު ލީޑަރު ވިދާޅުވީ ސަރުކާރަށް ކަމެއް ދަމެއް ބޮޑުވެއްޖިއްޔާ އެކަން އިޒްރޭލަށް އަންގާލުމުން ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް އިޒްރޭލު ސަރުކާރުން ފައިސާ ފޮނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައިގައި ޑީއާރުޕީގެ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދިނުމަށް އިޒްރޭލުން ފައިސާ ފޮނުވިކަން އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެއް ކަމަށެވެ.
"އެކަންކަން ސާބިތު ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި ހަމައެކަނި ޑޮކިއުމަންޓް ނެތީ. ދެން އަޅުގަނޑު މިހެން ބުނީމާ އަޅުގަނޑަށް ހީވަނީ މާދަމާ ޑރ. ޝަހީދު އަޅުގަނޑު ގޮވައިގެން ދާނީ ކޮންމެވެސް ކޯޓަކަށް ހެން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަށް ބޮޑު ކަމެއް ދިމާވެއްޖެ ނަމަ މީގެ ކުރިން އަބަދުވެސް އެހީތެރިކަމުގެ އަތްދިއްކޮށްލަނީ މެދުއިރުމަތިން އަރަބި ގައުމުތަކާ ދިމާލަށް ކަމަށާއި ގައުމުގެ ނަގިލި ވަނީ އަރަބި ގައުމުތަކަށް ލާ ތަޅުލާފައި ކަމަށެވެ. އެކަމަކު ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމާ އެކު ފެނިގެން ދިޔައީ އެ ނަގިލި ނަގާ އިޒްރޭލަށް ލީތަން ކަމަށް އުމަރު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑަށް ހީވަނީ އެ ނަގިލީގައި ހިފައިގެން ހުރީ ނަތަންޔާހޫހެން އަނެއްކޮޅުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ކުރެއްވި ތުހުމަތު ރައީސް އޮފީހުން ދޮގު ކުރެ އެވެ. ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ބުރާސްފަތި ދުވަހު ވިދާޅުވީ އުމަރު ނަސީރު ސިޔާސީ ބޭފުޅަކަށް ވެ ހުންނަވައިގެން އެފަދަ ވާހަކަތައް ދައްކަވާނަމަ އެކަން ސާބިތު ކުރެވޭ ވަރަށް ހެކި ދައްކަވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ