އިތުރު ޖަރީމާ ހިންގަން އެމްޑީޕީއަށް ފުރުސަތެއް ނުދޭނެ: އަބްދުﷲ އަބްދުއް ރަހީމް

ޑިމޮކްރަސީއާ މީޑިޔާގެ މިނިވަންކަމުގެ ނަމުގައި އިތުރަށް ޖަރީމާ ހިންގަން އެމްޑީޕީއަށް ދެން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބުދުއްރަހީމް މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ "ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު"ގެ ބަހުސްގައި އަބްދުﷲ އަބުދުއްރަހީމް ވިދާޅުވީ، ބްރޯޑްކާސްޓް ކުރުމުގެ ހައްގުތައް ހޯދައި މީޑިޔާ މިނިވަންކުރުމުގެ ހައްގުތައް ވެސް ނަގައިގެން ޑިމޮކްރަސީގެ ވާހަކަތައް ދައްކަމުން ގޮސް އެމްޑީޕީން ރާއްޖެ "ފުނޑާލައިފި" ކަމަށެވެ.
"ޑިމޮކްރަސީގެ ނަމުގައި މީޑިޔާގެ މިނިވަންކަމުގެ ނަމުގައި ކޮންކަހަލަ ޖަރީމާތަކެއްތޯ އެ ހިންގަނީ މި ގައުމުގަ. މި ރާއްޖޭގައި ޖަރީމާތައް ހިންގަން އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުދެވޭނެ. އެފުރުސަރު ދީގެންނެއް ނެތް ތިބެވޭކަށް. އަޅުގަނޑުމެންނަށް ފެންނަނީ ފަހަރަކު މީހަކުން ކަތިވަމުން ވެއްޓެމުންދާތަން. އެކި ސިނާއަތްތަކުގެ ކަންކަމުގައި މަސައްކަތްކުރައްވާ ބޭފުޅުން ލޯޔަރުން، ފުލުހުން، މާދަމާ ސިފައިން އޭގެ އަނެއް ދުވަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. މިހެންތޯ މިކަންވާންވީ؟ ބްރޯޑްކާސްޓް ކުރުމުގެ ހައްގުތައް ނަގައިގެން މީޑިޔާ މިނިވަންކުރުމުގެ ހައްގުތައް ނަގައިގެންތިބެ މި ރާއްޖޭގެ ޑިމޮކްރަސީގެ ވާހަކަ ދައްކައިގެންތިބެ މުޅި ގައުމު ފުނޑާލައިފިޔޭ! ދެން ގައުމު ފުނޑާލާކަށް ފުރުސަތެއް ނުދޭނަން. އެމްޑީޕީއަށްވުރެ އަޅުގަނޑުމެން ވެސް ހަޔާތް ކުޑަވާނެ. އެމްޑީޕީގައި ވަކިތިބީ ބޭރުން އައި ބައެއްތަ؟ އެމްޑީޕީއަކުވެސް ނުތިބޭނެ އަޅުގަނޑުމެންނަށް ނޭނގޭ އެއްޗެއް [އެނެގޭ ބައެއް]،" އޭނާ ވިދާޅުވި އެވެ.
ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާތީ އަބްދުﷲ އަބުދުއްރަހީމް ވިދާޅުވީ، ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓެއް ވެސް ނުކުރެއްވޭނެ ކަމަށެވެ.
"މިރާއްޖެއަށް އަންނަން އޮތް ރިޒްގެއް ރައީސް ނަޝީދަކަށް ބަންދެއް ވެސް ނުކުރެވޭނެ. މި ރާއްޖޭގެ ރައްޔިތުންނަށް ލިބެންއޮތް ކާނާ އަކަށް އެ މަނިކުފާނަކަށް ހުރަހެއް ވެސް ނޭޅޭނެ. އެމަނިކުފާނު ވެރިކަމުން ފައިބައިގެން ދިޔައީ، ކިހިނެއްތޯ މަސްވެރިކަމަށްވީ ކިހިނެއްތޯ ކުރިއަރައިގެން އައީ އެ ސިނާއަތް. ރައީސް ނަޝީދެއްނޫން އަޅުގަނޑުމެންނަށް ރިޒްގް ދެއްވަނީކީއެއް. އަޅުގަނޑުމެންނަށް ރިޒްގް ދެއްވާ ފަރާތް، މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާން އެބަހުރި. އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކުވެސް މި ދުނިޔެއަކަށް ނޭވާއެއްނުލާނެ އެމީހަކަށްއޮތް ރިޒްގަކާއެއްކޮށް މެނުވީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ބޮއިކޮޓް ކުރަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކަށް އެމްޑީޕީ މެންބަރުން ތާއީދު ކުރައްވާތީ، އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް ތަބާވަން ނުޖެހޭ ކަމަށެވެ.
"ޓޫރިޒަމް ބޮއިކޮޓްކުރަން ރައީސް ނަޝީދު ގޮވާލެއްވިއުރު އަޅެ ތި އެމްޑީޕީ މެންބަރުން ތިއްބެވީ ކީއްވެފަތޯ؟ މިގައުމުގެ އެންމެ ވަރުގަދަ ސިނާއަތޭ އެއީ، އެ ސިނާއަތް ފުނޑާލަނަވްގެން ތި އުޅެނީ ކީއްވެގެން؟ އަޅުގަނޑުމެން މިތިބަ ގޮތުގައި ދެމިތިބޭނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކަށް އަޅުގަމޑުމެންނަކަށް ތަބާވާކަށްނުޖެހޭނެ. އޭނާ އެއީ ކާކު؟ ކޮންކަމަކަށް އަޅުގަނޑުމެން އޭނާއަށް ތަބާވާން މިޖެހެނީ؟" އަބުދުﷲ އަބުދުއްރަހީމް ސުވާލު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ