ޝަރުއީ މަރުހަލާ ނުނިމެނީސް ކަންތައްތައް ކުރަންވީ ގޮތެއް ނޭނގޭ: ގާސިމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހަޅައިފައިވާ މައްސަލަތައް ޝަރުއީ މަރުހަލާގައި ނުނިމެނީސް ކަންތައްތައް ކުރަންވީ ކިހިނެއްތޯ ނިންމުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގެންނަވާ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ގާސިމް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާނޫނާ ހިލާފަށް އެތައް ކަމެއް ހިނގާފައިވާ ކަމަށާއި ބޮޑެތި އޮޅުވާލުންތަކެއް ހެއްކާ އެކު ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ގާނޫނުގައި ބުނެފައިވާ ފަދައިން އެ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ.
ކޯޓުގެ ހުކުމް އަންނަ ގޮތަކުން ވޯޓްގެ ނަތީޖާ އަށް ބޮޑެތި ބަދަލުތަކެއް ނުވަތަ އަލުން އެ އިންތިހާބް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ގާސިމް ވިދާޅުވެފައިވެ އެވެ.
"ވީމާ މިދަނޑިވަޅުގައި ކެތްތެރިކަން އިސްކުރައްވައި، މި މައްސަލަތަކުގެ ޝަރުއީ މަރުހަލާ ނިމެންދެން، ސިޔާސީ ވަކި ނިންމުންތަކެއް ނުނިންމަވައި ތިއްބެވުމަށް ޖުމްހޫރީ ގުޅުމުގެ އެންމެހާ މެންބަރުންނަށާއި، މި ގުޅުމަށް ތާއީދުކުރެއްވި އެތައް ހާސް ރައްޔިތުންނަށާއި އަދި މިހާރު އަލަށް ތާއީދުކުރައްވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާ އެކު އިލްތިމާސްކުރަމެވެ،" ގާސިމް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހޯދަން ބޭނުންވާ ލިޔުންތަކެއް ހޯދުމަށް ޖުމްހޫރީ ޕާޓީން ހައިކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ އަށް ޝެޑިއުލްކޮށްފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ވެސް އިޢުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ