ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އިންތިހާބުގެ ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވި ވާހަކަފުޅެއް އޮވެ އެވެ. އެއީ، "ވެރިކަން ކުރައްވާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ މަތިން" ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވޭނީ މައުމޫންގެ ތާއީދާ އެކު ކަން އެނގިވަޑައިގެން، ކެމްޕޭންގެ ކުރިއަށް ނެރުއްވީ ވެސް މައުމޫނެވެ. ވެރިކަން ކުރައްވާނެ ގޮތުގެ މިސާލު ޖައްސަވަމުން ވެސް ދެއްކެވީ 30 އަހަރުގެ ވެރިކަމުގައި ގައުމަށް ހޯއްދަވައި ދެއްވި ތަރައްގީ އެވެ.
ކެމްޕޭންގެ ތެރޭގައި މައުމޫނަށް ކިތަންމެ ތައުރީފެއް ކުރެއްވި ނަމަވެސް މައުމޫނާ ދޭތެރޭ ރައީސް ޔާމީންގެ ވިސްނުންފުޅު މިހާރު ބަދަލުކުރައްވައިފި އެވެ. ޕީޕީއެމް ވައިބަ ގްރޫޕްތަކުގައި ރައީސް ޔާމީނާއި މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން "ތަރައްގީ އަށް ހުރަހެއް"ގެ ގޮތުގައި ބައްލަވަނީ މައުމޫނެވެ.
މައުމޫންގެ ފެކްޝަނުން ގަބޫލުކުރާ ގޮތުގައި، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ މަތިން ރައީސް ޔާމީން ވަނީ ހަނދުމަފުޅު ނައްތާލައްވައިފަ އެވެ. ރައީސް ޔާމީން މިހާރު އަމާޒު ހިއްޕަވާފައި ވަނީ، ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، މައުމޫން އެ ޕާޓީން ބޭރުކޮށް ޕާޓީގެ ކޮންޓްރޯލް އަތުލެއްވުމަށެވެ.
ޕީޕީއެމް ޕްރެސް ކޮންފަރެންސެއްގައި މައުމޫން ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އެކަމަށް މަގުފަހިކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލައްވައި އެތައް ކަމެއް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރާ މެމްބަރުން ދައްކަވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މައުމޫން ގޮވައިގެން ކޯޓަށް ދިއުމާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ވިދާޅުވާ ވާހަކަތަކަށް މެމްބަރުން ލައްވައި މަލާމާތްކޮށް، ހަޖޫޖެހުމާއި ވެރިކަން ހިންގުމުގައި މައުމޫންގެ އެއްވެސް އިރުޝާދެއް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވުން ހިމެނެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި މައުމޫނަށް ތާއީދުކުރައްވާ ބައެއް ކައުންސިލް މެމްބަރުން ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއްގެ ތެރެއިން މައުމޫނާ ދެކޮޅަށް މިހާރު އޮތީ އެންމެ ނުރައްކާތެރި ހަތިޔާރު ވެސް ނަގައިފަ އެވެ.
އެއީ، 65 އަހަރު ވުމުން ސިޔާސީ ޕާޓީއެއްގެ ރައީސް ކަމުގެ މަގާމް ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހެވެ. ވަރަށް އަވަހަށް އެ އިސްލާހު މަޖިލީހަށް ހުށަހަޅާނެކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. މިއީ، ސީދާ މައުމޫނަށް އަމާޒުކުރައްވާފައިވާ އިސްލާހެކެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކުރި ނަމަވެސް އަދި ނުފޮނުވަ އެވެ.
ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ މެޖޯރިޓީއާ އެކު އިސްލާހު ފާސްވެއްޖެ ނަމަ ޕާޓީގެ ރައީސް ކަން މައުމޫނަށް ގެއްލޭނެ އެވެ.
"އިސްލާހު ހުށަހަޅައިގެން މެމްބަރުން ލައްވައި ނުވަތަ ކޯޓުތައް މެދުވެރިކޮށްގެން ވެސް ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައީސް މައުމޫން ނަގާ ހޫރާލަން. ރައީސް ޔާމީން ވެރިކަމަށް ގެންނަން، އާލާސްކަންފުޅާ އުޅުއްވަމުން ވެސް ރަށްތަކަށް ދަތުރުކުރައްވައިގެން ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތްޕުޅު [ރައީސް ޔާމީން] ބަލައެއް ނުގަނޭ،" ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
"ވެރިކަން ކާމިޔާބުވީމަ މި ބުނަނީ ރައީސް މައުމޫން މުސްކުޅިވެއްޖެއޭ، އެއްކައިރި އަށް ޖެހޭށޭ. ވެރިކަމަށް ހުރަސްއަޅަނީއޭ."
ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު މައުމޫން ކާރަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އެކަމަކު މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ އިސްލާހު މަޖިލީހަށް ހުށަހަޅަން އުޅޭ ކަމަށް ދައްކާ ވާހަކަތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހަޅަން އެއްވެސް ކަހަލަ މަޝްވަރާއެއް ޕާލަމެންޓްރީ ގްރޫޕްގައި އަދި ކުރިއަށް ނުދާ ކަމަށެވެ.
އެކަމަކު މައުމޫނަށް ތާއީދުކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މަޝްވަރާކޮށްގެން ހައްލު ހޯދުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ކޮންޓްރޯލް ހޯދަން ދެ މެމްބަރަކު ލައްވައި ހުށަހެޅީ ވެސް ރައީސް ޔާމީނެވެ. އެމަނިކުފާނުގެ އިރުޝާދެއް ނެތި ރައީސް މައުމޫނާ ދެކޮޅަށް ތެދުވަން މަޖިލިސް މެމްބަރުންނަށް ކެރިވަޑައެއްނުގަންނަވާނެ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިސްޕިއުޓް ރިޒޮލިއުޝަންގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެވެން ވެސް އޮތެވެ. އެކަމަކު މައްސަލަ ޝަރީއަތަށް ހުށަހެޅީ އެ ހައްލު ހޯދަން ބޭނުން ނުވުމުންނެވެ.
ކޯޓުން މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ކޯޓުގައި އެދުނު ހުރިހާ ކަމެއް ޕީޕީއެމުން ފުރިހަމްކޮށްފައި ވަނިކޮށް ކަމަށް މައުމޫން ފެކްޝަނުން ބުނެ އެވެ. ކޯޓަށް ހުށަހެޅީ ޕާޓީގެ ކޮމެޓީތަކާއި ކައުންސިލް ބޭއްވުން ހުއްޓުވާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން މައްސަލަ ކޯޓަށް ވެއްދިއިރު މައުމޫން ވަނީ ކޮމެޓީތައް ބޭއްވުމުގެ ހުއްދަ ދެއްވައި ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.
"މިހާރު ކޯޓުގައި އެ ގެންދަނީ ނިމިފައިވާ މައްސަލައެއް. އެކަމަކު ކައުންސިލް ބޭއްވުމުގެ ބާރުތައް އަސާސީ ގަވާއިދުގައި ދީފައި އޮންނަނީ ޕާޓީގެ ރައީސަށް،" ޕީޕީއެމް ކައުންސިލްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާކޮށްގެން ޕާޓީގެ މައްސަލަ ހައްލުކުރައްވާކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވެ އެވެ. މައުމޫނާ ދެކޮޅަށް އެމަނިކުފާނު މިހާރު ކުރައްވާ ކަންކަމާއި ރާއްވަވާ ރޭވުންތަކުން، އާއްމު މެމްބަރުންނަށް ވެސް ވަރަށް ބޮޑު މާޔޫސްކަމެއް ލިބޭނެ ކަމަށް އެއް މެމްބަރަކު ވިދާޅުވި އެވެ.
މައުމޫން ޕީޕީއެމުން ބޭރުކުރުމުގެ މަސައްކަތް ވަރަށް ކުރިއްސުރެން ފަށާފައިވާ ކަމުގެ ހެއްކެއް ދައްކަވަމުން އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޕާޓީގެ ރައީސްކަން މައުމޫނަށް ގެއްލޭ ގޮތަށް އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ލައްވައި މަޖިލީހަށް ބިލެއް ވެއްދީ ވެސް ރައީސް ޔާމީން ބޭނުންފުޅުވެގެންނެވެ. މިހުރިހާ ކަމެއް މައުމޫނާ ދެކޮޅަށް ކުރެއްވިއިރު ވެސް އެމަނިކުފާނު ހިމޭނުން ހުންނެވީ، ޕީޕީއެމްގެ ވެރިކަމަކަށް ވެފައި ގައުމާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނެވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ ވެސް ވިސްނުން ހުރީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލާގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށެވެ. ޕާޓީގެ ކޮންޓްރޯލް ނަންގަވައި މައުމޫން އެކި ކަންކަން ކުރައްވާއިރު ވެސް އެމަނިކުފާނަށް ހުތުރުވާ ގޮތަށް އެއްވެސް ވާހަކައެއް މެމްބަރުން ނުދައްކަވަނީ ވެސް އެހެންވެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ރިޔާޒާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހު ހުށަހަޅަން އުޅޭ ކަމަށް ދައްކާ ވާހަކަތައް ރިޔާޒް ދޮގުކުރައްވާ. --ފޮޓޯ: މުހައްމަދު ޝަރުހާން
އޭނާ ތުހުމަތުކުރެއްވި ގޮތުގައި މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ބޮލުގައި ރިޝްވަތުގެ ތުހުމަތު ވެސް އަޅުއްވައިފަ އެވެ. އެކަމަކު ޕީޕީއެމް ވެރިކަމެއްގައި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އެކަނި ރިޝްވަތު ނުނަގާ ކަމަށް ދޭހަވާ ގޮތަށް، މެމްބަރުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރައްވަން ވާނެ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަނެއްކާ މައުމޫން އަމިއްލަފުޅަށް ގޮތްދޫ ނުކުރައްވައި މަދު ބައެއް ގޮވައިގެން ޕާޓީގެ ހުރިހާ ކޮންޓްރޯލެއް ނަންގަވައިގެން އެ އުޅުއްވަނީ. ޕާޓީ ހިސޯރުކޮށްގެން އުޅުމަކީ ޑިމޮކްރަސީގައި އޮންނަ އުސޫލެއް ނޫން. އެގޮތަށް އެކަމެއް ނުކުރެއްވޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ، ރިޔާޒް ވިދާޅުވި ގޮތުގައި، ރައީސް މައުމޫން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެއީ، ޕާޓީގެ އެއްވެސް ކަމެއް ނުކުރެވި ނުވަތަ ގޯސްކޮށް ހިނގާފައިވާ ނަމަ އެއީ މައުމޫން އުފުއްލަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނުއުފުއްލެއްވުމުގެ ނަތީޖާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ތުހުމަތު އެހެން ބައެއްގެ ބޮލުގައި އަޅުވައި ރެކެވޭނެ އެއްވެސް ޖާގައެއް ރައީސް މައުމޫނަކަށް ނޯންނާނެ،" ރިޔާޒް ވިދާޅުވި އެވެ.
މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާފޯރަމެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ފަޅައިގެން ދިޔައީ 2018 ގައި ރައީސް ޔާމީނަށް، މައުމޫން ތާއީދުނުކުރައްވާނެ ކަން އެނގިވަޑައިގަތް ހިސާބުންނެވެ. އެ ނިންމުން މައުމޫން ނިންމަވަން ޖެހިވަޑައިގަތީ، މައުމޫންގެ ގާތް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ވެރިކަން ކުރަން ރައީސް ޔާމީނަށް ލިބިވަޑައިގަތް ފުރުސަތުގައި ގައުމާއި ރައްޔިތުންނަށް ވުރެން އަމިއްލަ މަސްލަހަތު އިސްކުރައްވައި ގާނޫނުތަކުގެ ރޫހާ ހިލާފަށް އަމަލުކުރައްވަން ފެއްޓެވުމުންނެވެ.
"ޕާޓީ ވެސް އަތުލެވިދާނެ، އެކަމަކު ރައީސް މައުމޫން ނޫނެކޭ ވިދާޅުވެއްޖެ ނަމަ 2018 ކީއްކުރަން 2023 ވެސް ރައީސް ޔާމީނަށް ކާމިޔާބެއް ނުވާނެ. ރައީސް މައުމޫންގެ ޓެގު އަޅުވައިގެން ވެރިކަމަށް ވަޑައިގެން ވަރަށް ހުތުރު އަމަލުތަކެއް ހިންގެވީ،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
މައުމޫން ޕީޕީއެމުން ބޭރުކުރަން އަމާޒު ހިފާފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ