24 ކިލޯގެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާ އަކީ ފައިސާ ފޮނުވި މީހާ: ޕޮލިސް

ކަނޑުމަގުން ރާއްޖެއަށް 24 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފުލުސް މީހާ އަކީ އީރާންގެ ގައި ހުރި އެކަމުގެ ބޮޑު މީހާ އަށް ފައިސާ ފޮނުވުމުގައި އަވަދިނެތި ހަރަކާތްތެރިވަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ލައިފްގެ އަހަރީ އަދަދުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ދޯނީގައި ތިބި މީހުންނާ ޑިންގީގައި ތިބި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ފައިސާ ފޮނުވުމުގައި ހަރަކާތްތެރިވި ފުލުސް މީހާ ހައްޔަރު ކޮށްފައިވަނީ މާޗް 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އީރާންގެ ހޮރުމޯޒް ބޯޓާ ވައިލެޓް ދޯނި ބައްދަލުވި ވަގުތު ހޮރުމޯޒް ބޯޓުން ފައިބަރު ޑިންގީއެއް ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހޮރުމޯޒުން އެ ޑިންގީ ކަނޑަށް ދޫކޮށްލުމާއެކު ވައިލެޓް ދޯންޏަށް އެ ޑިންގީ ނެގުމަށްފަހުވެސް ވައިލެޓް ދޯނި ގިނަ އިރުތަކެއް އެސަރަހައްދުގައި ހޭދަ ކުރުމަށްފަހު އެނބުރި މާލެއައުމަށް ދަތުރު ފަށާފައިވަނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ރައްކާ ކޮށްފައިވާ މި ޑިންގީ ނެގުމަށްފަހު ވައިލެޓް ދޯނިން ތޮއްޑޫ ބޭރުން ދުއްވާފައި އައިސް މާލެއަތޮޅަށް ވަދެވިފައި ވަނީ އެދުވަހުގެ އިރުއޮއްސުނުފަހުންން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވައިލެޓް ދޯނީގައި ހަރަކާތްތެރިވި ދިވެހިން އެ ދުވަހުގެ ގާތްގަނޑަކަށް ހަވީރު 5:00 ހާއިރު އީރާންގައި ހަރަކާތްތެރި ވަމުންދާ އެމިހުންގެ އެޖެންޓަށް ފޯނުން ގުޅައި ހޮރުމޯޒް ބޯޓާއި ބައްދަލުވިކަމާއި ހުރިހާކަމެއް ރަނގަޅަށް ދިޔައީ ރަނގަޅަށް ކަމަށް ބުނެ ފަހުން ގުޅާނެކަމަށްވެސް ބުނެފައިވާ ކަމަށެވެ.
ވައިލެޓް ދޯނި މާލެ އަތޮޅުތެރެއިން ދަތުރު ކޮށްފައި އައިސް ހުޅުމާލެ ފަޅަށް ވަދެ ވައިލެޓް ދޯނިން ދެ ދިވެހިންނާއެކު އެޑިންގީ ހުޅުމާލޭ ފަޅަށް ބާލައިފާ ވަނީ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ހިފައިގެން އިރާންގެ ޗަބާހަރު ބަދަރުން ނައްޓާލައި ރާއްޖެއަށް ދަތުރު ކުރަމުންދިޔަ ހޮރުމޯޒު ބޯޓާއި ބައްދަލު ކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ވައިލެޓް ދޯންޏަށް ދިއުމަށް، އެދުވަހުގެ މެންދުރުފަހު 3:15 ގައި މާލެއިން ވިލިމާލެއަށް ފެރީގައި ދިޔަ ދެ ދިވެހީންނަށް ފާރަލަމުން ފުލުހުން ވިލިމާލެއަށް ގޮސްފައިވާ ކަމަށެވެ.
ވިލިމާލޭގެ ފަޅުގައި ބަނދަރު ކޮށްފައި އޮތް ވައިލެޓް ދޯޏަށް އެ ދެ ދިވެހިން ދިޔައިރު ދޯނީގެ ކެޕްޓަންއާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީ ތިން ފަޅުވެރިން ދަތުރަށް ނައްޓާލުމަށް ދޯނީގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމާލި މަންޒަރު ފުލުހުންނަށް ވަނީ ފެނިފަ އެވެ.
ވައިލެޓް ދޯނި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ދިއުމަށް ތައްޔާރު ވެފައި ވާއިރު ފުލުހުންގެ ތެރެއިން މި އޮޕަރޭޝަނަށް ހޮވާލެވުނު ޓީމުގެ ތެރެއިން އެ ދޯންޏަށް ފާރަވެރިވެ ކަނޑުމަގުން ދަތުރު ކުރުމަށް ކަނޑައެޅި ޓީމުވެސް ވައިލެޓް ދޯންޏަށް ފާރަލުމަށް ފުރިހަމައަށް ތައްޔާރުވެ ކޮއްތު ދަރާ ބޯފެން ހިފައިގެން ގަލްފް ކްރާފްޓް ކުޑަ ލޯންޗެއްގައި ކަނޑު މައްޗަށް ނިކުތްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހޮރުމޯޒް ބޯޓާ ބައްދަލުކުރުމަށް މާލެއިން ވިލިމާލެއަށް ދިޔަ ދެ ދިވެހިން ވައިލެޓް ދޯންޏަށް އެރުމާއެކު ދުވަހުގެ 3:30 ގައި ވައިލެޓް ދޯނި ވިލިމާލޭ ފަޅުން ނައްޓާލައި މިސްރާބު ޖަހާފައިވަނީ އއ. އަތޮޅާ ދިމާލަށް ކަމަށެވެ. އަދި އެވަގުތުވެސް ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ފުލުހުންގެ ޓީމުން ދިޔައީ ވައިލެޓް ދޯނީގެ މޯހިރަށް ބަލަމުން އެ ދޯންޏަށް ފާރަލަމުން ކަމަށް ފުލުހުން ބުންޏެވެ.
ހޮރުމޯޒް ބޯޓާއި ބައްދަލުކުރުމަށް ވިލިމާލެއިން ފުރައިގެން އއ. އަތޮޅާ ދިމާއަށް ދަތުރުކުރަމުންދިޔަ ވައިލެޓް ދޯންނީގައި ތިބި ދިވެހިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުމަށް، އެމީހުންނާ ގުޅިފައިވާ އީރާންގެ އެޖެންޓަށް އެދުވަހުގެ 5:00 ހާއިރު ފޯނުން ގުޅައި ވާހަކަ ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެރޭގެ ގާތްގަނޑަކަށް 11:00 ގައި ހޮރުމޯޒް ބޯޓުން ވައިލެޓް ދޯންޏަށް ގުޅާނެ ކަމުގެ ޔަގީންކަން ވައިލެޓް ދޯނީގައި ތިބި ދިވެހިންނަށް އީރާންގެ އެޖެންޓުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ