އަދިވެސް މައުމޫން ރީ ރަޖިސްޓާ ނުކޮށްދޭ: ނާދިރާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރީ ރަޖިސްޓާވުމަށް ފޯމް ފުރުއްވިތާ ދެ ދުވަސް ވީއިރުވެސް ރަޖިސްޓާ ނުވާކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ފޯމް ކަރެކްޝަންސް އިން މީގެ ދެ ދުވަސްކުރިން ފުރާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ރަޖިސްޓާވި ކަމަކަށް އީސީން ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސްގެ ރީ ރަޖިސްޓްރޭޝަން ފޯމް އިއްޔެ ކަރެކްޝަން އިން ފުރާފައިވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫނާއި ފާރިސް ރީރަޖިސްޓާ ނުވާތީ ނާދިރާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެެ.
"ފޯމް އެކޮޅުން ފުރައިފި އަދިވެސް ރަޖިސްޓާ ނުވޭ. ފޯމް ފުރީ ކަރެކްޝަނުން. ފޯމް ރަޖިސްޓާކުރަން ހުށަނާޅާތީ ރަޖިސްޓްރީ ނުވެ އެއޮތޯ. ހުށަހެޅި ނަމަ އެދުވަހު ރަޖިސްޓާ ވާނެ. ވަގުތުން އީސީން އެކަން ކުރޭ. އެއީ ހަގީގަތުގައި ނިގުޅައިގަނެވޭ ހައްގެއް. އެމީހުންނަށް ފޯމް ލިބޭވަރަކުން ހުށަހެޅޭނެ. ކަމެއް ދިމާވެގެން ފޯމް ހުށަނޭޅުނީ މިސާލަކަށް. ބަންޑެލިކޮށްފައި ހުށަހަޅަން ނުޖެހޭ ކޮންމެހެން. އެމީހުންގެ ސަބަބުން އެކަން ނުވެދާނެކަމުގެ ބިރު އެބައޮތް. މިބޭފުޅުންގެ ރޭވުމަކީ ކޮބައިކަންވެސް އެބަ އިނގެންޖެހޭ." ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ މި ދެބޭފުޅުންގެ އިތުރުން ގޭ ބަންދުގައި ތިބި ބައެއް މީހުންނާއި ބަންދުގައި ތިބި ބައެއް ފުލުހުންގެ ރީ ރަޖިސްޓްރޭޝަން ފޯމް މީގެ އެތައް ދުވަހެއް ކުރިން ފުރާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް އެމީހުން ރީ ރަޖިސްޓާ ކޮށްފައި ނުވާކަމަށެވެ.
ނާދިރާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމްތައް މުލިއާގެއަށް ދާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ ކަމަށާއި، މުލިއާގޭގައި އެ ފޯމްތައް ބަހައްޓަން ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމްތައް ދާންޖެހޭނީ އީސީއަށް ކަމަށާއި އެ ފޯމްތައް އެންޓާ ކުރެވެން ޖެހޭނީވެސް އީސީއަށް ކަމަށެވެ. އަދި މިއިން ކޮންމެ ފޯމަކީވެސް ހައްގެއް ކަމަށާއި، ބަންދުގައި ހުއްޓަސް އަދި ނެތަސް ވޯޓުލުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބެން ޖެހޭނެކަމަށެވެ.
ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫނާއި ފާރިސް ރީ ރަޖިސްޓާ ކޮށްފައިނުވާކަމަށް ނާދިރާ ވިދާޅުވެފައިވާއިރު، ކަރެކްޝަނަލް ސާވިސް އިން އެތަނުގެ މުވައްޒަފުންވެސް ރަޖިސްޓާ ނުކުރާކަމަށް ބުނެ އިދިކޮޅުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ