އަމިއްލަ ކެންޑިޑޭޓްގެ ފޯމް ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅި އަމިއްލަ ކެންޑިޑޭޓް، ހުސައިން ނަސީރްގެ ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާ މިއަދު ނިންމަވައިފި އެވެ.
ނަސީރުގެ ފޯމް އީސީ އިން ބާތިލްކޮށްފައިވަނީ، އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނަ ނަމަ، ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހަޅުއްވާފައިވާ ޝޭހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން ކަމަށް އީސީން ވަނީ ބުނެފަ އެވެ. ފޯމް ބާތިލްކުރުމަށްފަހު އީސީ އިން އޭނާއަށް އެންގީ މުއްދަތު ހަމަވުމުގެ ކުރިން ފޯމްސެޓް އެއްކޮށް އަލުން ހުށަހެޅުމަށެވެ.
ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް އިން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ވަނީ ހަމަވެފަ އެވެ.
ނަސީރުގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ރަނިންމޭޓް ޝޭހް ނަސްރުﷲ މުސްތަފާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ވަނީ ހުސައިން ނަސީރުގެ ހައްގު ނިގުޅައިގެންފައިކަމަށެވެ. އެގޮތަކީ ފޯމް ބާތިލްކުރިކަން ގަވާއިދާ އެއްގޮތަށް އީސީން އެންގި ނަމަވެސް، ވަގުތު ކުޑަތަންވެފައި އޮއްވައި އަލުން ފޯމް ހުށަހަޅަން ފުރުސަތު ނެތްގޮތަށް ފޯމްސެޓް އެއްކޮށް ހުށަހެޅުމަށް އިލެކްޝަނުން އަންގާފައިވަނީ ނަސީރަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ފޯމް ބާތިލްކުރި ސަބަބުތައް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އީސީގައި އެދުމުން އެ ފުރުސަތު ކޮމިޝަނުން ނުދިން ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި އެއް ލައްކަ ރުފިޔާ އާއި ފޯމްސެޓް އަނބުރާ އިލެކްޝަންސްއިން ދީފައިނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ގާތްގަނޑަކަށް 3000 އެއްހައި މީހުންގެ ތެރެއިން 1500 މީހުންގެ ނަމާއި ސޮއި އަޅުގަނޑުމެން ނަގާފައި މި ވަނީ. އެހެންވީމަ ފޯމްސެޓް އަލުން ހުށަހަޅަން ވުމުން އެއީ ވަރަށް ބައިވަރު މީހުންގެ ސޮޔާއި ނަމާއި އެހެންވެސް މައުލޫމާތު. އަޅުގަނޑުމެން ކޯޓަށް ދާން ނިންމީ ކޮންމެހެން ދާން ޖެހުމުން،" ނަސްރުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމަކީ އިންތިހާބު ލަސްވާންޖެހޭ ސަބަބެއް ނޫނެވެ. އެހެންކަމުން ކާމިޔާބުވާނެ ކަމަށާއި އަދި މައްސަލަ ބަލައިދިނުން ކޯޓުން އަވަސްކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ