ކޯވިޑް-19 : އެންޓިބޮޑީ ޓެސްޓް ފުރަތަމަ ހަދާނީ ސްކޫލް ޢުމުރުފުރައިގެ ކުދިންގެ - ޑރ.ނަޒްލާ

މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރި އެބަލިން ރަނގަޅުވެފައިވާނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި މިހަފްތާގެތެރޭގައި އެންޓިބޮޑީ ޓެސްޓު ހަދަންފަށާނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެންޓި ބޮޑީ ޓެސްޓް ހެދުމަށް ބޭނުންވާ ހުއްދައާއި ސާމާނު މިހާރު ލިބިފައިވާކަމަށެވެ. މިޓެސްޓަކީ މުޖުތަމަޢުގައި އެޅޭ ހުރިހާ ޢުމުރުފުރައެއްގެ މީހުންގެ ހަދަން ނިންމާފައިވާ ޓެސްޓެއްކަމަށާ އެންމެ ފުރަތަމަ ޓެސްޓްކުރަން ނިންމާފައިވަނީ ސްކޫލަށްދާ ޢުމުރުފުރައިގެ ކުދިންގެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެންޓިބޮޑީ ޓެސްޓް ހަދަންފަށަން މިހަފްތާގައި ނިންމާފައިވާއިރު މިކަމަށް ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސަރޗް ކޮމިޓީއަށް ހުށަހަޅައި އެޕްރޮޕޯސަލް ވަނީ ފާސްވެސްވެފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19އަށް ހުށަހެޅިފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މިދިރާސާއަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.
ޢާއްމުންގެ މެދުގައި ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި ވިދާޅުވެފައެވެ. ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާ، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް މެދުވެރިކޮށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕީ.ސީ.އާރު ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގައާއި، މި ޓެސްޓް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުޞޫލެއްގެ ތެރެއިންކަމަށެވެ. އަދި ދިރާސީބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ، އެމިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ